ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ސާބިތުވެފައިވާ ޓެރަރިޒަމްގެ މައްސަލާގައި ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ ބައެއް ވަކީލުން ތަނާޒުލް ވެއްޖެކަމަށް ދެކެވޭ ވާހަކަތައް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ދޮގުކޮށްފިއެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ރައީސް ނަޝީދުގެ މައްސާލާގައި ހިމެނޭ ދައުލަތުގެ ވަކީލުން ތަނާޒުލް ވެއްޖެ ކަމަށް ބުނެ ބައެއް މީޑިއާތަކުން ޚަބަރު ފަތުރަނީ އެ އޮފީހުގެ އެއްވެސް ބަހެެއް ހޯދުމެއް ނެތި ކަމަށެވެ.

"މައްސަލަތަކުގެ ވަކީލުންގެ ނަންތައް ހިމަނައިގެން ޒިންމާދާރުކަން ކުޑަކޮށް ޚަބަރުތައް ނުގެނެސްދިނުމަށް ހުރިހާ މީޑިއާތަކަށް އިލްތިމާސްކުރަމެވެ،" ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ ގޮތުގައި ހުންނަވައި ސިފައިން މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލާގަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ސަން އަށް ވިދާޅުވީ އެ އޮފީހުން ނިންމާފައިވާ ގޮތުގެ މަތިން ރައީސް ނަޝީދަށް އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.