09 Aug 2015, 20:29
އައްޑޫ ސިޓީ ކައުންސިލުން ދެމުން ގެންދިޔަ ބައެއް ހިދުމަތްތައް ހައުންސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށްފަހު، އެ މިނިސްޓްރީގެ ޑިޕާޓްމަންޓެއް އައްޑޫގައި މިއަދު ހުޅުވައިފި އެވެ.
އައްޑޫ ސިޓީ، ހިތަދޫގައި މިއަދު ހުޅުވި ހައުންސިން މިނިސްޓްރީގެ ޑިޕާޓްމަންޓަކީ، އައްޑޫ ސިޓީ ކައުންސިލުން ކުރިން ދެމުން ގެންދިޔަ ބިމާ ގުޅޭ ހިދުމަތް ދިނުމަށް އުފެއްދި ޑިޕާޓްމަންޓެކެވެ. އައްޑޫ ސިޓީގެ ބިންބިމާއި މަގުތަކާއި ބަނދަރުތަކާއި މައިދާންތަކާއި ޕާކުތައް ވަނީ ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓުގެ ދަށަށް ބަދަލުކޮށްފަ އެވެ. އަދި އެތަންތަނާ ގުޅޭ ހިދުމަތްތައް ދެމުން ގެންދާނީ ހައުންސިންގެ ޑިޕާޓްމަންޓުންނެވެ.

އައްޑޫ ސިޓީ، ހިތަދޫގައި ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް
އައްޑޫއަށް ގޮސް ތިބި ހައުސިން މިނިސްޓްރީގެ ޓީމުން "ސަން"އަށް މައުލޫމާތު ދިން ގޮތުގައި އައްޑޫގައި ހުޅުވި ޑިޕާޓްމަންޓުގައި 100 އަަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާނެ އެވެ. އެ މުވައްޒަފުންނަކީ އައްޑޫ ސިޓީ ކައުންސިލްގައި ބިމާ ގުޅޭ ހިދުމަތްތައް ދިނުމުގައި އިދާރީ ގޮތުން ކުރިން މަސައްކަތް ކުރި މުވައްޒަފުންނެވެ.
ހައުންސިން މިނިސްޓްރީގެ ޑިޕާޓްމަންޓު އައްޑޫގައި ހުޅުވި ރަސްމިއްޔާތުގައި އެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަބްދުﷲ ތޮއްޔިބާއި ހައުންސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު ބައިވެރިވެވަޑައިގެންނެވި އެވެ. އަދި ހައުންސިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި މުވައްޒަފުން ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި އެވެ.
އައްޑޫ ސިޓީ، ހިތަދޫގައިގައި ހުންނަ އަވަށު އޮފީހުގައި ހުޅުވި އެ ޑިޕާޓްމަންޓުގެ މަސައްކަތް ރަސްމީކޮށް ފަށައި ގަންނާނީ މާދަމާ އެވެ.

އައްޑޫ ސިޓީ، ހިތަދޫގައި ހައުސިން މިނިސްޓްރީގެ ޑިޕާޓްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް