(ޕަޓްނާ، އިންޑިއާ. އޭޕީ) އިންޑިއާގެ އިރުމަތީ ސަރަހައްދުގައިވާ އަވަށެއްގެ ގިނަ ބަޔަކު ވެގެން އެއަވަށުގެ ފަސް އަންހެނެއްގެ ގައިގައި ތަޅައި މަރާލައިފި އެވެ.

އިންޑިއާ ފުލުހުން އިއްޔެ ބުނީ އެގައުމެ ޖާރްޚާންދު ސްޓޭޓްގައިވާ ކިންޖިއާ ނަމަކަށް ކިޔާ އަވަށުގެ މީހުން އެ ފަސް އަންހެނުންގެ ގައިގައި ތަޅައި އެމީހުން މަރައިލީ ސިހުރުހަދާ ކަމަށް ތުހުމަތުކޮށްގެން ކަމަށެވެ. ޖާރްޚާންދު ސްޓޭޓްގެ ވެރިރަށް ރާންޗީގެ ފުލުހުންގެ ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އަރޫން ކުމާރު ސިންގް ބުނީ އަވަށު މީހުން އެ ފަސް އަންހެނުންނަށް ހަމަލާދީފައި ވަނީ އެމީހުންގެ ގޭގައި ތިއްބައި ކަމަށެވެ. އަދި އެމީހުން އެ އަންހެނުންގެ ގައިގައި ތެޅީ ދަނޑިބުރިތަކާއި ދަގަނޑުބުރިތަކުން ކަމަށް ވެސް އޭނާ ބުންޏެވެ.

އަވަށު މީހުން ތުހުމަތުކޮށްފައި ވަނީ އެ ފަސް އަންހެނުން ސިހުރު ހެދުމުގެ ސަބަބުން އަވަށުގައި ބަދުނަސީބު ކަންތައްތަކެއް ހިނގާފައިވާ ކަމަށެވެ. އެގޮތުން އެއަވަށުގައި މަރުވި ތުއްތު ކުއްޖެއްގެ މަރުގެ ޒިންމާ ވެސް އެމީހުން އަޅުވާފައި ވަނީ އެ ފަސް އަންހެނުންގެ ބޮލުގަ އެވެ.

އަރޫން ކުމާރު ސިންގް ބުނީ އެ މައްސަލާގައި އެ އަވަށުން މިހާތަނަށް 50 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެވަށުގައި އިތުރު ހަމަނުޖެހުމެއް ހިނގިޔަ ނުދިނުމަށް ގިނަ އަދަދެއްގެ ފުލުހުން އެއަވަށަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.