09 Aug 2015, 16:07
ރާއްޖޭގެ މުއާސަލަތީ ކުންފުނި، ދިރާގުން 2007 ވަނަ އަހަރުން ފެށިގެން ބާއްވާ "ދިރާގް މޯލްޑިވްސް ރޯޑް ރޭސް" މި މަހު 28 ވާ ހުކުރު ދުވަހު ބޭއްވުމަށް ދިރާގުން ނިންމައިފި އެވެ.
މި އަހަރުގެ ރޭސް ބޭއްވުމަށް ދިރާގުން އެންމެ ފުރަތަމަ ތަވާލުކޮށްފައި ވަނީ ޖޫން މަހުގެ 12 ވަނަ ދުވަހު އެވެ. ނަމަވެސް ރޭސް ފަސް ކުރަން ޖެހުނީ ރޯޑްރޭސްގެ މައިގަނޑު ސަރަހައްދުގެ ތެރޭގައި ހިމެނޭ ސުނާމީ ބިނާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ 'މަގުމަތީ ބާޒާރުގެ' މުއްދަތު އިތުރުކުރުމުން ކަމަށް ކުރިން ދިރާގުން ވަނީ ބުނެފަ އެވެ.
ދިރާގުން ބުނީ ރޭހުގައި ބައިވެރިކުރުމަށް ނިންމާފައިވާ 3000 މީހުންގެ ޖާގަ މުއްދަތު ހަމަވުމުގެ ދެ ދުވަސް ކުރިން ހަމަވެފައިވާ ކަމަށެވެ.
ރޭހުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކޮށްފައިވާ މީހުން ދިރާގުން ދޫކުރާ ރޯޑް ރޭސްގެ ހާއްސަ ޓީޝަޓާއި ބިބް ދޫކުރަން ހަޖެހިފައި ވަނީ މި މަހު 15، 16 އަދި 17 ވަނަ ދުވަހު އެވެ.
ދިރާގުން ބުނީ މިމަހު 17 ވަނަ ދުވަހުގެ ނިޔަލަށް ބިބް ނުގެންދާ ފަރާތްތަކުގެ ބިބްތައް ކެންސަލް ކުރުމަށް ފަހު އަލުން ރަޖިސްޓްރީ ވުމަށް ހުޅުވާލާނެ ކަމަށް ދިރާގުން ބުނެ އެވެ.
ކެންސަލް ކުރާ ޖާގަތަކަށް ރަޖިސްޓްރީ ވުމަށް ހުޅުވަލާނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި އެބުރުގައި ރަޖިސްޓްރީވާ ފަރަތްތަތަކަށް ބިބް ދޫކުރުމަށް ހަމަޖެހިފައި ވަނީ 23 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހާ ހަމަޔަށެވެ.
ދިރާގްގެ މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން އިންޖަދު ޖަލީލް ސަން އަށް ވިދާޅުވީ މިފަހަރުގެ ރޯޑް ރޭހުގައި 43 ގައުމެއްގެ އެތުލީޓުން ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.
މިރޭހަކީ ދިރާގައި އެތުލެޓިކްސް އެސޯސިއޭޝަނައި ގުޅިގެން ބާއްވާ ރޭހެކެވެ.
މި އަހަރުގެ ރޭހްގެ ޝިއާރަކީ 'ކުޑަކުދިން ހިމާޔަތް' ކުރުން މިޝިއާރެވެ.