މި މަހުގެ ތެރޭގައި ނުރައްކާތެރި މާރާމާރީތައް އިތުރުވާން ފަށާފައިވާތީ އާއި މާލޭގެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރޭގައި އުޅޭކަމުގެ ޝަކުވާތައް ލިބެމުންދާތީ އާއި އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މާރާމާރީތައް އިތުރުވެފައިވާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ކަންބޮޑުވުން ފާޅުކޮށް، އެކަމުގައި އެޗްއާރްސީއެމް އާއި ފުލުހުންނާއި ގުޅިގެން ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބެލުމުގެ ގޮތުން މަޝްވަރާކޮށްފި އެވެ.

މި މަހުގެ ތެރޭގައި މާލޭގެ އެކި ސަރަހައްދުތަކުގައި މާރާމާރީ ހިންގުން އިތުރުވެ، މުޖްތަމަޢުގެ އަމަންއަމާންކަން ގެއްލެމުންދާތީ އެޗްއާރްސީއެމްގެ ފަރާތުން ފުލުހުންގެ އިސް ބޭފުޅުންނާ ބައްދަލުކޮށް ބުދަ ދުވަހު އެޗްއާރްސީއެމްގައި އޮތް ބައްދަލުވުމުގައި އެޗްއާރުސީއެމްގެ ފަރާތުން ވަނީ ރާއްޖޭގައި ހިނގަމުންދާ މާރާމާރީތަކަށް ބަލައި އެކަންކަމާ ގުޅޭ ގޮތުން އެ ކޮމިޝަނުން ކަންބޮޑުވާ ކަންތައްތައް ފާހަގަކޮށްފައި ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. އަދި އެކަމުގެ ސަބަބެއް ކަމަށް ދަޢުލަތުގެ އެކި މުޢައްސަސާތަކުގެ ބޭފުޅުން ފާހަގަކުރައްވާފައިވާ ކަންތައްތަކަށް އަޅިއަޅުވާލައްވައި ތަކުރާރުކޮށް އެފަދަ ކުށްކުރާ މީހުން ރަށު ތެރޭގައި ދޫވެގެން އުޅޭތީ އެކަމާ ގުޅޭ ގޮތުން ވެސް ވާހަކަދެއްކި އެވެ.
އެޗުއާރުސީއެމުން ބުނީ މާރާމާރީގެ އިތުރުން ރާވައިގެން ހިންގާ ބޮޑެތި ކުށްތަކުގެ ހާލަތު އޮތް ގޮތުގެ މައުލޫމާތު ފުލުހުން ދީފައިވާ ކަމަށާއި އެކަމުގައި ކުރިމަތިވެފައި ހުރި އެކިއެކި ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރި ކަމަށެވެ.

ތަކުރާރުކޮށް ކުށްކުރާ މީހުން މުޖްތަމަޢުގެ ރައްކާތެރި ކަމަށްޓަކައި އެކަހެރި ކޮށްފައި ނުބޭތިއްބޭ ކަމާއި، ފުލުހުން ތަކުރާރުކޮށް ހައްޔަރު ކުރާ ނުރައްކާތެރި ކުށްވެރިން ވެސް އެމީހުންގެ މައްޗަށް ކުށް ސާބިތުކުރުމަށް ބޭނުންވާ ޤާނޫނުތައް ނެތުމުގެ ސަބަބުން ދޫވެގެންދާކަން ފާހަގަ ކުރި ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ.

ކުށްކުރުން ހުއްޓުވުމަށް މުޅި މައްސަލަ އަށް ވަށާޖެހޭ ގޮތަށް ބަލައި ހުރިހާ ފަރާތްތަކަކުން އެއްބާރުލައި ވީހާ އަވަހަށް މަސައްކަތް ނުފަށައިފި ނަމަ ރާއްޖޭގެ އަމަންއަމާންކަން ނާޒުކު ފައްތަރަކަށް ހިނގައިދާނެކަން ފާހަގަކޮށް ވާހަކަ ދައްކާފައިވާ ކަމަށް ވެސް އެޗްއާރުސީއެމުން ބުންޏެވެ. އަދި ކޮމިޝަނާއި ފުލުހުން ގުޅިގެން އެކަމުގައި ކުރެވިދާނެ ކަންތައްތަކާ މެދު، އަދި އެކަމުގައި ދެފަރާތުން އެއްބާރުލުން ދެވިދާނެ ގޮތްތަކާ މެދު މަޝްވަރާކުރި ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.