09 Aug 2015, 15:17
އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުކުރު ދުވަހު ދިން ސިލްސިލާ ހަމަލާތަކެއްގައި އެމެރިކާ ސިފައިންގެ މީހަކު މަވެ، އިތުރު އެތައް ސިފައިންނެއް ޒަހަމްވެފައިވާ ކަމަށް އެމެރިކާ އިން ބުނެފި އެވެ.
އެސޯސިއޭޓެޑް ޕްރެސް ( އޭޕީ) ބުނީ ކާބުލްގައި ހުކުރު ދުވަހު ދިން ބޮމުގެ ހަމަލާތަކުގައި އާއްމުންގެ 40 މީހުން މަރުވެ، 300 މީހުން ޒަހަމްވި ކަމަށެވެ. މަރުވި މީހުންގެ ތެރޭގައި އެމެރިކާ ސިފައިންގެ މީހާ މަރުވިކަން އަފްޣާން އޮފިޝަލުންނާއި އެމެރިކާ އޮފިޝަލުންނަށް ކަށަވަރު ކުރެވުނީ އިއްޔެ ކަމަށް ވެސް ބުންޏެވެ.

ކާބުލްގައި ހުކުރުދުވަހު ބޮމުގެ ހަމަލާއެއް ދިން ތަނެއް ފުލުހުންގެ މީހަކު ބަލަނީ. ފޮޓޯ: އޭޕީ
އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އެމެރިކާއާއި ނޭޓޯގެ ސިފައިންނާއި އެގައުމުގައި އެމެރިކާއަށް ތަބާވާ އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ ތާލިބާން ޖަމާއަތުން ވަނީ ހުކުރު ދުވަހު ކާބުލްގައި ދިން ހަމަލާތަކުގެ ތެރެއިން ދެހަމަލާއެއްގެ ޒިންމާ ވަނީ އުފުލާފަ އެވެ.
އަފްޣާނިސްތާނަށް އަރައި ހުރި އެމެރިކާ ސިފައިންގެ މީހަކު މަރުވުމުން އެގައުމުގެ ރައީސް އަޝްރަފް ޢަބުދުލް ޣަނީ ވަނީ އެމެރިކާގެ ސެކިއުރިޓީ އެޑްވައިޒަރު ސޫޒަން ރައިސްއަށް ފޯނުން ގުޅުއްވައި ތައުޒިޔާ ވިދާޅުވެފަ އެވެ.
ކާބުލްގައި މަރުވި އަދި ޒަހަމްވީ އެމެރިކާ ސިފައިންނާ ބެހޭ ތަފްސީލެއް އެމެރިކާ ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.