މިއަހަރުގެ ޒުވާނުންގެ ދުވަހާ ގުޅިގެން ޒުވާނުންގެ ހިޔާލުފާޅުކުރުމުގެ ކެމްޕޭނެއް ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް(ޔޫއެންޑީޕީ) އިން ފަށައިފިއެވެ.

ޔޫއެންޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސޯޝަލްމީޑިއާގައި ހިންގާ އެ ކެމްޕޭންގައި އޮންނާނީ ފޮޓޯއާއި ކުދި ވީޑިއޯ ކްލިޕްތައް ބޭނުންކޮށްގެން ޒުވާނުންގެ ޚިޔާލާއި ޝުއޫރު ފާޅުކުރުން ކަމަށެވެ.

މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރުކަމަށްވާ " ޔޫތު ސިވިކް އެންގޭޖްމެންޓް" ( މުޖުތަމައުގަޔާއި މަދަނީ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުން) މި ޝިއާރުގެ ދަށުން ހިންގާ ކެމްޕޭންގައި ބައިވެރިކުރާ ފޮޓޯއާއި ވީޑިއޯތަކުގެ ތެރެއިން ހޮވައިލެވޭ އުފެއްދުންތައް ޔޫއެންޑީޕީގެ އޮންލައިން އަދި ޕްރިންޓް މީޑިއާގައި ބޭނުންކުރާނެ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ. އަދި އެންމެ ރަނގަޅު، އުފެއްދުންތެރި އަމިއްލަވަންތަ މެސެޖް ފޯރުކޮށްދޭ ފޮޓޯއާއި ވީޑިއޯ ހުށަހަޅާ ފަރާތަކަށް ޔޫއެންޑީޕީއާއި އެކު ފީލްޑްގައި މަސައްކަތް ކުރުމުގެ ފުރުސަދޭނެ އެވެ.

ކެމްޕޭން ކުރިއަށްދާނީ މިމަހުގެ 12 ވަނަ ދުވަހާ ހަމައަށެވެ.

މަދަނީ އަދި އިޖުތިމާއީ ކަންކަމުގައި ޒުވާނުން ބައިވެރިވުމަކީ ދެމެހެއްޓެނިވި އިންސާނީ ތަރައްގީއަށް މުހިއްމު ކަމެއް ކަމަށް ޔޫއެންޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

"...2015 ވަނަ އަހަރުގެ ބައިނަލް އަގުވާމީ ޒުވާނުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ޔޫތް ސިވިކް އެންގޭޖްމެންޓް ނުވަތަ މުޖުތަމައުއާއި މަދަނީ ކަންތައްތަކުގައި ޒުވާނުންގެ ބައިވެރިވުމެވެ. މިފަދަ ކަންކަމުގައި ޒުވާނުންގެ ބައިވެރިވުމާއި އެއްބާރުލުމަކީ ދެމެހެއްޓެނިވި އިންސާނީ ތަރައްގީއަށް ކޮންމެހެން މުހިއްމު ކަމެކެވެ. މިގޮތުން އިގުތިސާދީ އަދި ސިޔާސީ މައިދާނުގައި ވެސް ޒުވާނުންގެ ބަސް އިއްވުމަށްޓަކައި ހަމަހަމަ ފުރުސަތު ލިއްބައިދޭން ޖެހެއެވެ،" ބަޔާނުގައި ވެއެވެ.