09 Aug 2015, 14:32
ފުރަތަމަ ފަހަރަށް ޝަރިއާ އާ އެއްގޮތަށް ވިޔަފާރި ތަރައްގީ ކުރުމަށް ދޫކުރާ 30 މިލިއަން ރުފިޔާގެ ޕްރޮގްރާމް އަންނަ ހަފްތާގެ ހޯމަ ދުވަހު ތައާރަފުކުރާނެ ކަަމަށް އިކޮނަމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.
މީގެ ކުރިން އެ ލޯން ޕްރޮގްރާމާއި ބެހޭގޮތުން އިކޮނަމިކް މިނިސްޓްރީން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ މިނިސްޓްރީގެ ކޮންސަލްޓެންޓް އިބްރާހިމް ފިރުޝާން ވިދާޅުވީ އެ ޕްރޮގްރާމަކީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކުގެ އެހީގައި ގާއިމުކޮށްފައިވާ ފަންޑެއް ކަމަށެވެ.
އެ ޕްރޮގްރާމް ކުރިއަށް ދާނީ ބީއެމްއެލް އިސްލާމިކްގެ އެހީތެރިކަމާއެކު ކަމަށް ވެސް ފިރުޝާން ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގައި އަލަށް ވިޔަފާރި ކުރާ ފަރާތްތަކާއި މިހާރު ވިޔަފާރިކުރާ ފަރާތްތަކަށް ވެސް ބައިވެރިވެވެނޭ ކަމަށް ވެސް ފިރުޝާން ވިދާޅުވި އެވެ.
އެ ޕްރޮގްރާމްގެ ދަށުން އެހީތެރިވެދޭނެ ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމާއި ޓްރާންސްޕޯޓް ހިމެނޭ ކަމަށް ފިރުޝާން ވިދާޅުވިއެވެ.
"ޝަރިއާ ކޮމްޕްލައިންޓް ޕްރޮގްރާމަކަށް ވާތީ ވަަރަށް ތަފާތު ގޮތަކަށް މި އިންނަނީ. ފައިސާ ދެވޭނީ ވަރަށް މަދު ހާލަތެއްގައި،" ފިރުޝާން ވިދާޅުވިއެވެ."މިސާލަކަށް ކޮންކްރީޓް މެޝިނެއް ގަންނަން ބޭނުންވާ ކަމަށްވަންޏާ އޭގެ އަގަށްވާ މިންވަރު ހުށަހަޅާނީ ޕްރޮޕޯސަަލެއްގެ ގޮތުގައި. އެ އެއްޗެއް ބޭންކު މެދުވެރިކޮށް ގަނެފައި އެ ފަރާތާ ހަވާލުކުރާނީ. ދެން އެއަށް ފައިސާ ހަމަ އިންސްޓޯލްމެންޓަށް ބަހާލައިގެން، ކަނޑައެޅޭ މުއްދަތެއްގައި ދައްކާ ގޮތަށް މި އޮންނަނީ،"
ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ފަށާފައިވާ ޕްރޮގްރާމް ގެޓްސެޓް ލޯނު ލިބޭ ފަރާތްތައް އަންނަ ބުދަ ދުވަހު އިއުލާންކުރާނެ ކަަމަށް ވެސް އިކޮނަމިކް މިނިސްޓްރީން ވަނީ ބުނެފައެވެ. ގެޓްސެޓް ލޯނަށް 500 އަށް ވުރެ ގިނަ ފަރާތުން ވަނީ އެޕްލައިކޮށްފަ އެވެ.
ފަސް އަހަރުތެރޭ ކޮންމެ އަހަރަކު ވެސް 40 މިލިއަން ރުފިޔާގެ ލޯން ގެޓްސެޓް ޕްރޮގްރާމްގެ ދަށުން ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ. ގެޓްސެޓް ޕްރޮގްރާމަށް ފަސް އަހަރު ތެރޭ ކަނޑައަޅާފައި ވަނީ 200 މިލިއަން ރުފިޔާ އެވެ.