ސަރުކާރުގެ ހަރަދުގައި މި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫތަކުގެ ތެރެއިން ތިން ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ދެ ކުންފުންޏަކާ މިއަދު ހަވާލުކޮށްފި އެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ހއ. ހޯރަފުއްޓާއި އއ. އުކުޅަހާއި ދ. މާއެނބޫދޫގަ އެވެ. އެގޮތުން ހޯރަފުށީގެ މަސައްކަތް ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ. އުކުޅަހާއި މާއެނބޫދޫގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާ އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު އޮތް ބައްދަލުވުމެއްގައި އެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިގު އިބްރާހީމް އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ހަލީމް އަބްދުއްރައްޒާގު އެވެ. ސާސް-އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސައުދުﷲ އަހުމަދެވެ.

މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ----- ސަން ފޮޓޯ/ އަލީ ނަސީރު

ގޮނޑުދޮށް ހިމާޔަތްކުރުމަށް ހޯރަފުށީގައި ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުގެ ދަށުން އެ ރަށު އިރު އުތުރު ސަރަހައްދުގައި 570 މީޓަރު، އަދި އިރު ދެކުނު ސަރަހައްދުގައި 230 މީޓަރުގެ ބޮޑު ހިލައިގެ ތޮއްޓެއް ގާއިމްކުރާނެ އެވެ. ޖުމްލަ 19 މިލިއަން ރުފިޔާ އަށް އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 180 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ.

އުކުޅަހުގައި ކުރާ މަސައްކަތްތަކުގެ ތެރޭގައި އެ ރަށު އުތުރުފަރާތު ގޮނޑުދޮށުގައި 6600 ކޮޑި މީޓަރަށް ވެލިލައި، އެ ސަރަހައްދު 280 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓަކުން ހިމާޔަތްކުރެވޭނެ އެވެ. ޖުމްލަ 8.9 މިލިއަން ރުފިޔާއަށް އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 157 ދުވަސްތެރޭ ނިންމާ ގޮތަށެވެ.

މާއެނބޫދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން ރަށުގެ އިރު އުތުރު ފަރާތުގައި 220 މީޓަރު، އިރު ދެކުނު ފަރާތުގައި 550 މީޓަރު ސަރަހައްދެއްގައި ބޮޑުހިލަޖަހާނެ އެވެ. އަދި ރަށުގެ ހުލަނގު ދެކުނު ފަރާތުގައި 190 މީޓަރު، ހުޅަނގު އުތުރު ފަރާތު 225 މީޓަރު ސަރަހައްދުގައި ވެލިބަސްތާ ޖަހާނެ އެވެ. އެ މަޝްރޫއު 159 ދުވަހުން ފުރިހަމަ ކުރުމަށް މުޅިއަކު 19.6 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެ އެވެ.