ޗައިނާގެ ކިންޑާގާޓަން އެއްގައި ކިޔަވާ 12 ކުއްޖަކު ރޭޕްކުރި ޓީޗަރަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ޗައިނާގެ ލިންގްވޫ ސިޓީގެ ރޫރަލް ކިންޑާގާޓެންއެއްގައި ކިޔަވައިދޭ ހުއާންގް ޒެންޒިން ނަމަކަށް ކިޔާ އެ ޓީޗަރު، އުމުރު ދުވަހަށް ޖަލަށް ލުމަށް އެގައުމުގެ ހުޅަނގުދެކުނުގައި އޮންނަ ނިންޒިއާ ރީޖަންގެ ކޯޓުން އިއްޔެ ހުކުމްކުރީ، އެ ދަރިވަރުން ރޭޕްކޮށް ނުވަތަ ގަދަކަމުން ޖިންސީ ގޯނާ ކުރި ކަމުގެ ކުށުގަ އެވެ.

ޗައިނާގެ ޒިންހުއާ ނޫސް އެޖެންސީން ބުނި ގޮތުގައި، އެ 12 ކުދިންނަށް ކިޔަވައިދޭ އެ ޓީޗަރު އެ ކުދިންނަށް ޖިންސީ އަނިޔާކޮށްފައި ވަނީ ހޯމްވޯކްތައް ހެދުމަށް ޓިއުޝަން ނަގައިދޭނެ ކަމަށް ބުނުމަށް ފަހު ކަމަށެވެ.

އެ މައްސަލާގައި ކިންޑާގާޓަން އިން ވަނީ، އަނިޔާ ލިބުނު ކުދިންގެ އާއިލާތަކަށް ބަދަލެއްގެ ގޮތުގައި ފައިސާ ހަދިޔާކޮށްފަ އެވެ.

ޗައިނާގެ މައި ކޯޓަކާ ހަވާލާދީ ޒިންހުއާ އިން ބުނީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް އިތުރުވަމުން އަންނަ ކަމަށެވެ. އެގޮތުން، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 7145 މައްސަލައެއް ހުށަހެޅިފައިވާ ކަމަށް ބުނެފައިވެ އެވެ.

ޗައިނާ އިން ވަނީ މި އަހަރުގެ މޭ މަހުގެ ތެރޭގައި އެގައުމުގެ ޕްރައިމަރީ ސްކޫލެއްގައި ކިޔަވާ 26 ކުއްޖަކު ރޭޕްކޮށް ޖިންސީ އަނިޔާކުރި ޓީޗަރަކަށް މަރުގެ އަދަބު ވެސް ދީފަ އެވެ.

މައުލޫމާތު: ޒިންހުއާ އަދި ޗައިނާގެ ބައެއް ނޫސް އެޖެންސީތައް