09 Aug 2015, 13:54
ސްރިނަގަރް، އިންޑިއާ،އޭޕީ) ކަޝްމީރުގެ އިންޑިއާ އިން ކޮންޓްރޯލްކުރާ ފަޅީގައި ކަޝްމީރުގެ ހަނގުރާމަވެރިންނާއި އިންޑިއާ ސިފައިންނާ ދެ ކުރިމަތިލުމެއްގައި ހަނގުރާމަވެރިންގެ ދެމީހުންނާއި އިންޑިއާ ސިފައިންގެ މީހަކު މަރުވެއްޖެ އެވެ.
އިންޑިއާގެ އޮފިޝަލުން ބުނީ ކުރިމަތިލުންތައް ހިނގީ ޕާކިސްތާނާއި އިންޑިއާ ވަކިކުރާ ސަރަހައްދީ ރޮނގެ ކައިރީގައި ކަމަށެވެ. އިންޑިއާ ފުލުހުންގެ އިސް އޮފިޝަލް ގަރީބް ދާސް ބުނީ ދެހަނގުރާމަވެރިން މަރުވި ކުރިމަތިލުން ހިނގީ ހަނގުރާމަވެރިން ޕާކިސްތާނު ފަޅިން އައިސް އިންޑިއާގެ ސަރަހައްދުގެ ތެރެއަށް ވަނުމުން ކަމަށެވެ. އޭނާ ބުނީ އެއަށް ވުރެ ކުރިން ހިނގި ކުރިމަތިލުމެއްގައި، ހަނގުރާމަވެރިންގެ ހަމަލާއެއްގައި އިންޑިއާ ސިފައިންގެ މީހަކު މަރުވެ ދެމީހުން ޒަހަމްވި ކަމަށެވެ.

ހަނގުރާމަވެރިންގެ ހަަމަލާއެއްގައި ގެއްލުންވެފައިވާ ވެހިކަލެއްގެ ކައިރީގައި އިންޑިއާ ސިފައިންގެ މީހަކު ފޯރިމަރަނީ. ފޮޓޯ:އޭޕީ
މުޅި ކަޝްމީރުގެ މިލްކުވެރިކަމަށް އިންޑިއާއާއި ޕާކިސްތާނުން ވެސް ދައުވާ ކުރެ އެވެ. ކަޝްމީރުގެ މިނިވަންކަމަށްޓަކައި 1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަކުރަމުން އަންނަ ޖަމާއަތްތަކަށް ޕާކިސްތާނުން ހަތިޔާރުދޭ ކަމަށް އިންޑިއާއިން ދަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް ޕާކިސްތާނުން އެކަން އަންނަނީ ދޮގުކުރަމުންނެވެ. ކަޝްމީރުގެ މިނިވަން ކަމަށް ކުރަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް 68000 އަށް ވުރެ ގިނަމީހުން ވަނީ މަރުވެފަ އެވެ.