ޓޯކިޔޯ : ބާރުގަދަ ބިންހެލުންތަކާއެކު ޖަޕާނަށް އިއްޔެއައި ވަރުގަދަ ސުނާމީގައި 1400 މީހުން މަރުވެ އެތަށް ސަތޭކަ ބަޔަކު ގެއްލިފައިވާ ކަމަށް ޖަޕާނުން ބުނެފިއެވެ. ވޭތުވެދިޔަ 140 އަހަރު ތެރޭގައި ޖަޕާނަށް އައި އެންމެ ބާރުގަދަ ބިންހެލުމާއި އޭގެ ސަބަބުން ޖަޕާނުގެ އިރުމަތީ އައްސޭރިފަށަށްއެރި އެތަށް މީޓަރެއްގެ އުސް ސުނާމީ ބޮޑު ރާޅުތަކުގެ ސަބަބުން ޖަޕާނުގެ ބޮޑުބައަކަށްވަނީ އިންސާނީ މުސީބާތެއް ކުރިމަތިވެފައެވެ.

ނިއުކްލިޔަ ކާރިސާއެއްގެ ބިރު ކުރިމަތިވެފައި:

ޖަޕާންސަރުކާރުން މިއަދު ބުނިގޮތުގައި ނިއުކްލިޔަ ދެ ސްޓޭޝަނަކަށް ގެއްލުން ލިބުމުގެ ސަބަބުން އެޤައުމުގެ އިރުއުތުރުގެ ސަރަޙައްދުތަކަށް ނިއުކްލިޔަރ ރޭޑިއޭޝަންގެ އަސަރުވަނީ ކޮށްފައެވެ. ފުކުޝީމާ ނިއުކްލިޔަ ރިއެކްޓަރ އިންވަނީ ރޭޑިއޭޝަން ލީކުވެފައެވެ. މި ލީކުތަކުގެ ސަބަބުން މިސަރަޙައްދުގެ ވައިގައި ވަރަށް މަތީ މިންވަރަކަށް ނިއުކްލިޔަ ރޭޑިއޭޝަން އެބަހުރިކަމަށް ޚަބަރު ލިބެއެވެ.
އިތުރުން ސްޓޭޝަނަކުންވެސް ރޭޑިއޭޝަން ވެސް ރޭޑިއޭޝަން ލީކުވެދާނެކަމަށް ބެލެވޭތީ ބިންހެލުމާއި ސުނާމީއާއެކު ނިއުކްލިޔަ ކާރިޘާއެއް ކުރިމަތިވެދާނެކަމުގެ ބިރުވެސް ބޮޑުވެފައިވާ ކަމަށް ޖަޕާން ސަރުކާރުން ބުނެއެވެ.

މީހުން ސަލާމަތް ކުރުމުގައި އެތައް ހާސް ސިފައިންނާއި އެތަށް ސަތޭކަ މަތިންދާބޯޓެއް:

މިކާރިޘާގެ ސަބަބުން ޙާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށާއި އެމީހުންނަށް އެހީތެރިވުމަށް އެތަށް ސަތޭކަ މަތިންދާބޯޓަކާއި ހަނގުރާމަ މަތީ މަނަވަރުތަކާއެކު ޖަޕާނުގެ ސެލްފް ފޯސްގެ އެތަށް ހާސް ބަޔަކު ގެންދަނީ ޙަރަކާތްތެރިވަމުންނެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށާއި އެމީހުންނަށް ވަގުތީ ހިޔާވަހިކަން ދިނުމަށް ބޭނުންކުރާ މަރުކަޒުތަކުގައި މިހާތަނަށް 215 ހާސް މީހުން އެބަތިއްބެވެ.

މިއަދުވެސް އެތަށް ބިންހެލުންތަކެއް:

ރިޕޯޓްތައް ބުނާގޮތުން މިއަދު ހެނދުނުވެސް އެތަށް ހެލުންތަކެއް ޖަޕާނުގެ ބިމަށް އައެވެ. މީގެތެރޭގައި 6.8 ގެ ބާރުމިނުގެ ހެލުންތައްވެސްހިމެނެއެވެ. މިއީ ބޮޑު ބިންހެލުމެއް އައުމަށްފަހު ބިންގަނޑު ހަމަޖެހެންދެން އަންނާނެ ބިންހެލުންތަކެއް ކަމަށް ތަޖްރިބާކާރުން ބުނެއެވެ.

ޖަޕާނުގެ އެތަށް ސަރަޙައްދެއްގައި ރޯވެފައިވާ އަލިފާންތައް އަދިވެސް އަނދަމުންދަނީ:

މިކާރިޘާގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ޖަޕާނުގެ އިރު އުތުރުގެ މިޔާޖީ ޕްރޮވިންސްގެ ސިންދާއި އަށެވެ. މިރަށުގެ ބޮޑުބައެއްވަނީ މުޅިން ހަލާކުވެފައެވެ. އަދި ފުކުށީމާގެ ދެހާހެއްހާ ޢިމާރާތްވެއްޓި ބޮޑު ޑޭމެއްވަނީ ހަލާކުވެފައެވެ. މީގެ އިތުރުން ޖަޕާނުގެ އެތަށް ސަރަޙައްދެއްގައި ރޯވެފައިވާ އަލިފާންތައް އަދިވެސްވަނީ ނިއްވާނުލެވިއެވެ. -- ބީބީސީ، އަލްޖަޒީރާ