09 Aug 2015, 12:59
ތުރުކީގެ ހުޅަނގު ޕްރޮވިންސެއް ކަމަށްވާ އަދިރްނާގެ ސިވިލްސާވިސް މުވައްޒަފުން ހެނދުނުގަޑީގައި ކަސްރަތު ކުރާން ވަގުތު ހޭދަކުރާ ނަމަ ގަޑިޖެހިގެން އޮފީހަށް އަޔަސް އެންމެ ރަނގަޅުކަމަށް އެ ޕްރޮވިންސްގެ ގަވަރުނަރު ދޫރުސުން އަލީ ޝާހީން ނިންމަވައިފި އެވެ.
އަދިރްނާގައި ސަރުކާރު މުވައްޒަފުންގެ މަސައްކަތު ގަޑި ފެށެނީ ހެނދުނު 8:30ގަ އެވެ. އެހެން ނަމަވެސް އެ ޕްރޮވިންސްގައި އަލަށް ތައާރަފްކުރި "އަވާ ކިޔޯ އިޒް ސްޕޯޓްސް" ސްކީމްގެ ދަށުން ސިވިލް މުވައްޒަފުން ހެނދުނުގަޑީގައި ކަސްރަތުކުރުމަށް ވަގުތު ހޭދަކުރާ ނަމަ، އެއްގަޑިއިރު ފަހުން ސޮއިކުރި ނަމަވެސް ގަޑިއެއް ނުޖެހޭނެ އެވެ.
ތުރުކީގެ ނޫހެއް ކަމަށްވާ "ހާބަރ7"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަދިރްނާގައި މަސައްކަތްކުރާ ސަރުކާ މުވައްޒަފުންނަށް އަލަށް އެކުލަވައިލި ސްކީމްގެ ދަށުން ކޮންމެ މުވައްޒަފަކަށް ވެސް އެ މުވައްޒަފަކު ބޭނުންވާ "ކުޅިވަރުގެ ކޮންމެވެސް ދާއިރާއެއް" ކުޅިވަރެއް އިޚްތިޔާރުކުރުމުގެ ފުރުސަތު އޮންނާނެ އެވެ.
އަދި މި ސްކީމްގައި މިހާތަނަށް 70 އަށް ވުރެ ގިނަމީހުން ބައިވެރިވެފައިވާ ކަމަށް ހާބަރ7 އާ ހަވަލާދީ ބީބީސީގައިވެ އެވެ.
އެހެން ނަމަވެސް ތުރުކީގެ އެހެން ނޫހެއް ކަމަށްވާ ޑެއިލީ ސަބާގައި ބުނެފައިވާ ގޮތުން، ކަސްރަތުކުރުމަށް ދޫކުރާ އެއް ގަޑިއިރު، އެމީހުން ބޭނުންކުރަނީ ހަމަ ހަގީގަތުގައި ވެސް ކަސްރަތު ކުރުމުގައިތޯ ނުވަތަ ނިދުމުގައިތޯ ބެލޭނޭ ނިޒާމެއް ހަމަޖެހިފައި ވާކަން ނުވަތަ ނޫންކަން ވެސް އެނގޭކަށް ނެތެވެ.
"ކުޅިވަރަކީ އަހަރެމެންގެ ފަރުވާ" ސްކީމަކީ، ފަލަވުމާ ދެކޮޅަށް ގަވަރުނަރު ދޫރުސުން އަލީ ޝާހީން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެކުލަވައިލި ސްކީމެކެވެ. ހެނދުނު އަވަހަށް އޮފީހަށް އަންނަން ޖެހުމަކީ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ކަސްރަތުކުރުމަށް އެޅޭ ހުރަހެއްކަމުގައި ވުމަށް ގަވަރުނަރު ބޭނުންފުޅުވެ ނުލައްވަނީ އެވެ.
"އަޅުގަނޑު ވެސް ވިސްނަމުން މި ގެންދަނީ، ހެނދުނުގަޑީގައި ކަސްރަތުކޮށް ހިނގާލަން ނުކުމެލަން. އެއީ ވަރަށް ފައިދާހުރި ކަމެއް،" ގަވަރުނަރު ވިދާޅުވި ކަމަށް ބީބީސީގައިވެ އެވެ. "ކޮލެސްޓްރޯލްގެ މައްޗަށް ދިއުމުގެ ސަބަބުން ސިއްހީ އެކިއެކި އުނދަގޫތައް ކުރިމަތިވާ ފަރާތްތަކަށް ވެސް މި ސުކީމްގެ ދަށުން ހައްލެއް ހޯދޭނެ."
މިއީ އަދިރްނާގެ ސަރުކާރުން އެ ޕްރޮވިންސްގެ ރައްޔިތުން ދުޅަހެޔޮ ސިއްހަތެއްގައި ބައިތިއްބަން މިފަދަ ކަމެއް ގަވަރުނަރު ކުރެއްވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ ޖެނުއަރީ މަހު، އޭނާ ވަނީ ސަރުކާރު އޮފީސްތަކާއި އާންމު އިމާރާތްތަކުގައި ލިފްޓް ބޭނުންކުރާ އިރު، ތިންވަނަ ބުރިން ފެށިގެން ތިރިއަށް އަރައި ފޭބުމަށް ލިފްޓް ބޭނުން ކުރުންވެސް މަނާކޮށްފަ އެވެ.
އަދި އޭގެ ކުރިން އަދިރްނާގެ ގަވަރުނަރު ވަނީ، ތުރުކީގެ ސަގާފަތެއް ކަމަށްވާ "ދެ ކިއުބު ހަކުރު އަޅައިގެން ތައްޔާރުކުރާ ސައިތަށި" ތައްޔާރުކުރުމުގައި އެއްކިއުބު ހަކުރު ބޭނުންކުރުމަށް ހޮޓާ ކެފޭތަކަށް އަމުރުކުރައްވައިފަ އެވެ.
މައުލޫމާތު: ބީބީސީ