09 Aug 2015, 12:52
ސިންގަޕޫރުގެ މިނިވަން ދުވަހުގެ މުނާސަބާގައި އެގައުމުގެ ވެރިންނަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބުދުﷲ ޔާމީނު ތަހުނިޔާ ފޮނުއްވައިފި އެވެ.
ރައީސް އޮފީހުން މިއަދު ބުނީ ސިންގަޕޫރުގެ މިވަން ދުވަހާ ގުޅިގެން އެގައުމުގެ ރައީސް ޓޯނީ ޓާން ކެން ޔަމްއަށާއި ބޮޑުވަޒީރު ލީ ސިއެން ލޫންއަށް ތަހުނިޔާ ވިދާޅުވެ ރައީސް ޔާމީނު މެސެޖެއް ފޮނުއްވި ކަމަށެވެ. އަދި ސިންގަޕޫރުގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބާގައި އެގައުމުގެ ރައީސަށާއި ބޮޑުވަޒީރަށާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ރައީސް ޔާމީނު ވަކި މެސެޖެއް ފޮނުއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެއާއި ސިންގަޕޫރާއި ދެމެދު އޮތް ގާތް އެކުވެރި ގުޅުން އިތުރަށް ވަރުގަދަވުމަށް އުއްމީދުކުރައްވާ ކަމަށް ރައީސްގެ މެސެޖްގައި ވިދާޅުވެފައިވެ އެވެ. އަދި ސިންގަޕޫރުގެ ރައްޔިތުންނަށް ފާގަތި ކަމާއި ކުރިއެރުން ދެމިގެންދާ ގޮތެއްގައި ލިބުމަށް އުއްމީދުކުރައްވާ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ކުރިން މެލޭޝިއާގެ ބައެއްގެ ގޮތުގައި އޮތް ސިންގަޕޫރު މިނިވަން ވަކި ގައުމަކަށްވީ 1965 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނުވަވަނަ ދުވަހު އެވެ. މެލޭޝިއާގެ ކިބައިން މިނިވަންކަން ލިބުން ފާހަގަ ކުރުމުގެ ގޮތުން ސިންގަޕޫރުން އެދުވަސް ފާހަގަ ކުރަނީ ގައުމީ ދުވަހުގެ ގޮތުގަ އެވެ.