09 Aug 2015, 12:59
މިސީޒަންގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑުން ބާސެލޯނާއަށް ބަދަލުވި ތުރުކީގެ އަރުދާ ތުރާން ބޭނުންނަމަ 10 ނަންބަރު ޖޯޒީ އޭނާއަށް ލިބިދާނެކަމަށް ބާސާގެ ފޯވާޑް ލިއޮނަލް މެސީ ބުނިކަމަށް ތުރާން ބުނެފިއެވެ.
ތުރުކީގެ އެންޓީވީ އަށް ދިން އިންޓަވިއުގައި ތުރާން ބުނީ ނަންބަރަކާ މެދު އޭނާ ނުވިސްނާ ކަމަށާއި އޭނާ މިވަގުތު ޖާޒީ ނަންބަރަކަށް ނަގަން ގަސްތު ކުރަނީ 14 ނަންބަރު ކަމަށެވެ.
އެއީ އޭނާގެ ބައްޕައަށް ވަރަށް ކަމުދާ ނަންބަރެއް ކަމަށާއި އަދި އޭނާވެސް އެންމެ ފުރަތަމަ ބޭނުން ކުރި ނަންބަރު ކަމަށެވެ.
"މެސީ ބުނި އަހަރެން 10 ނަންބަރު ޖޯޒީ ބޭބުންނަމަ އެއީ އަހަރެންގެ އެއްޗެކޭ،" ސަމާސާ ރާގެއްގައި ތުރާން ބުންޏެވެ.
އެތުލެޓިކޯ މެޑްރިޑުން 34 މިލިއަން ޔޫރޯއަށް ބާސެލޯނާއަށް ބަދަލުވި މިޑްފީލްޑަރު ބާސެލޯނާއަށް ކުޅެވެނީ އަންނަ އަހަރު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
އެއީ އުމުރުން 18 އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ގެނައުމުގައި ބާސެލޯނައިން ފީފާގެ ގަވައިދުތަކާ ހިލާފަށް އަމަލުކޮށްފައިވަތީ އެކުލަބާމެދު ފީފާއިން އަޅާފައިވާ ފިޔަވަޅުގެ ސަބަބުންނެވެ.