ފާއިތުވި 10 އަހަރު ތެރޭގައި އުރީދުއަށް ދިވެހިން ދިން ހިތްވަރަށް ޝުކުރު އަދާކުރުމުގެ ގޮތުން އެކުންފުނިން ފެށި "ޝުކުރިއްޔާ ދިވެހިރާއްޖެ" ކެމްޕޭންގެ ދަށުން އައިޖީއެމްއެޗަށް ބޮޑު އެހީއެއް ދީފި އެވެ.

އައިޖީއެމްއެޗްގައި މިއަދު ބޭއްވި ހަފުލާއެއްގައި އުރީދޫ އިން އެ ހޮސްޕިޓަލަށް އެހީގެ ގޮތުގައި ދިނީ ހާޓް އެޓޭކެއް ޖެހުމުން ނުވަތަ ހިތުގެ ވިންދުގެ ރޭޓް ނުރައްކާތެރި ދަރަޖައަކަށް ދިއުމުން އެ ރޭޓް ރައްކާތެރި މިންވަރަކަށް އިއާދަކުރުމަށް ބޭނުންކުރާ މެޝިން (ޑީފިބްރިލޭޓަރް) ތަކެކެވެ. އުރީދޫން ދިނީ އޭގެ ހަ މެޝިނެވެ.

އުރީދޫ އިން އައިޖީއެމްއެޗަށް ދިން މެޝިންތައް. ސަން ފޮޓޯ: ޔޫސުފް ޞަފްވާން

އުރީދޫގެ ފަރާތުން އެ މެޝިންތައް އައިޖީއެމްއެޗާ ހަވާލުކޮށްދެއްވީ އުރީދޫގެ ސީއީއޯ ވިކްރަމަސިންހަ އެވެ. އަދި އައިޖީއެމްއެޗްގެ ފަރާތުން އެތަކެއްޗާ ހަވާލުވެވަޑައިގެންނެވީ އެ ހޮސްޕިޓަލްގެ މެނޭޖިން ޑައިރެކްޓަރު ފަރުހަތު ޝަހީރެވެ.

މެޝިންތަކާ ހަވާލުވެވަޑައިގެން އުރީދޫއަށް ޝުކުރުއަދާކުރައްވައި ވާހަކަފުޅު ދައްކަވަމުން ފަރުހަތު ވިދާޅުވީ އުރީދޫއަކީ އައިޖީއެމްއެޗްގެ ވަރަށް މުހިއްމު ބައިވެރިއެއް ކަމަށެވެ. އަދި ވިދާޅުވީ އުރީދޫ އިން ދިން މެޝިންތަކަކީ ވަރަށް ފަހުގެ މެޝިންތަކެއް ކަމަށެވެ.

"...އަޅުގަނޑުމެންނަށް މިވަގުތު މިލިބުން މެޝިންތަކަކީ މިޒަމާނުގެ، ވަރަށް ފަހުގެ މެޝިންތަކެއް. އަޅުގަނޑުމެންގެ ޓެކްނިކަލް ބޭފުޅުން އަޅުގަނޑަށް މައުލޫމާތު ދޭގޮތުގައި މިމެޝިންތައް އަޅުގަނޑުމެންނަށް ލިބުމާއި ގުޅިގެން އަޅުގަނޑުމެންގެ ވޯޑްތަކުގައި އަދި އިމަޖެންސީ ޑިޕާޓްމެންޓްގައި މިމެޝިންތައް ފުރިހަމަ ބޭނުން ހިފިގެން ދާނެ،" ފަރުހަތު ވިދާޅުވި އެވެ.

ހަފުލާގައި ވާހަކަފުޅުދައްކަވަމުން އުރީދޫގެ ސީއީއޯ ވިކްރަމަސިންހަ ވިދާޅުވީ ފާއިތުވި 10 އަހަރު ތެރޭގައި އުރީދޫއިން އެންމެ ފަހުރުވެރިވާ ކަމެއްގެ ގޮތުގައި ރާއްޖޭގައި ކުރެވިފައިވާ ކަމަކީ ދިވެހި ރައްޔިތުންގެ ހަޔާތަށް ފުރިހަމަ ކަމެއް ގެނެސްދިނުމަށާއި ގައުމުގެ އެކި ހިސާބުތަކުގައި އިންސާނީ ތަރައްގީއަށް ކުރެވުނު މަސައްކަތް ކަމަށެވެ. އަދި އިޖުތިމާއީ ޒިންމާ އަދާކުރުމުގެ ގޮތުން އުރީދޫ އިން ހިންގާ ހަރަކާތްތަކުގައި އައިޖީއެމްއެޗާއި ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ދިނީތީ އޭނާ އައިޖީއެމްއެޗްގެ ވެރިންނަށް ޝުކުރުއަދާކުރެއްވި އެވެ.

އުރީދޫ ރާއްޖޭގައި އޮޕަރޭޓްކުރާތާ 10 އަހަރު ފުރުން ފާހަގަކޮށް ދިވެހި ރައްޔިތުންނަށް ޝުކުރު އަދާކުރުމުގެ ގޮތުން އެކުންފުނީގެ މުވައްޒަފުން ވަނީ ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް މިހަފުތާގައި ބާއްވަން ނިންމާފަ އެވެ. "ޝުކުރިއްޔާ ދިވެހިރާއްޖެ" ކެމްޕެއިންގެ ދަށުން ރައްޔިތުންނަށް ފައިދާހުރި ތަފާތު ގިނަ ކަންތައްތަކެއް މިހިނގާ އޮގަސްޓް މަހު ކުރިއަށް ގެންދާނެ ކަމަށް އެކުންފުނިން މިއަދު ބުންޏެވެ.