ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ފުޅިއާ އެކު ފަސް މީހަކު އައްޑޫ ސިޓީ ހިތަދޫން ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ބަނގުރަލުގެ އެ މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ދެ މީހަކާއި 29 އަހަރުގެ މީހެއްގެ އިތުރުން 16 އަހަރުގެ ފިރިހެން ކުއްޖަކާއި 15 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.

އެ ފަސް މީހުން ހައްޔަރުކޮށްފައި ވަނީ ހިތަދޫ ފަޅު ގެއެއްގެ ތެރޭގައި ބަޔަކު މީހުން ބަނގުރާ ކައްކާ ކަމަށް ލިބުނު މައުލޫމާތާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުރާސްފަތި ދުވަހުގެ 3:00 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ފުޅި ފެނިފައި ވަނީ އެ މީހުން އެވަގުތު ތިބި ފަޅުގެ ބަލާ ފާސްކުރިއިރު އެގޭތެރެއިން ކަމަށެވެ. މީގެ އިތުރުން އެގޭތެރެއިން ބަނގުރާ ކެއްކުމަށް ބޭނުންކުރާ ބައެއް އާލާތްތައް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެ މައްސަލާގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައި ކަމަށް ފުލުހުން ބުނެ އެވެ.