09 Aug 2015, 12:14
ލ. ގާދޫ ކައުންސިލުގެ މެންްބަރަކު ޖެހިޖެހިގެން ހަތް ޖަލްސާއަށް ހާޒިރުނުވުމުން އޭނާގެ މަގާމު ގެއްލުން ކަމަށް އެ ރަށު ކައުންސިލް އިން ނިންމައިފި އެވެ.
ކައުންސިލް މެމްބަރުކަން ގެއްލުނު ކަމަށް އެ ރަށު ކައުންސިލް އިން ނިންމާފައި ވަނީ އެ ކައުންސިލްގެ ޕީޕީއެމް މެމްބަރު އިބްރާހިމް އަހުމަދެވެ.
ގާދޫ ކައުންސިލުގެ ރައީސް އަބްދުލް އަޒީޒު މިއަދު 'ސަން' އަށް ވިދާޅުވީ އިބްރާހިމް މަގާމު ގެއްލުނު ކަމަށް އެ ކައުންސިލުން ފާސްކުރީ އޭނާގެ ޗުއްޓީތަކާއި ސަލާމްތައް ނިމުމުނު ފަހުން އެކައުންސިލް އިން ބޭއްވި ހަތް ޖަލްސާއަށް ވެސް ހާޒިރު ވެފައިނުވާތީ ކަމަށެވެ.
"މިއަދު ޖަލްސާ އިން ގަރާރު ފާސްކޮށް ނިންމީ ހުރިހާ މެމްބަރުންގެ އަގުލަބިއްޔަތުން." އަޒީޒު ވިދާޅުވި އެވެ.
އަޒީޒު ވިދާޅުވީ މަގާމުން ވަކިކުރެވުނު މެމްބަރު ވީތަނެއް އެކައުންސިލްއަށް ނޭނގޭ ކަމަށެވެ.
ޕީޕީއެމް ތިން ކައުންސިލަރުން އިންތިހާބުވި ގާދޫ ކައުންސިލްގެ ޕީޕީއެމް މެމްބަރުގެ މަގާމުން ގެއްލުމުން ދެން އެކައުންސިލްގައި ތިބޭނީ ޕީޕީއެމް ދެ މެމްބަރުންނާއި އަމިއްލަ ދެ މެމްބަރުންނެވެ.
ގާދޫ އަކީ އާބާދީ 427 މީހުން ރަޖިސްޓުރީކޮށްފައިވާ އަދި އެއްފަސް ކުރުމުގެ ގޮތުން މީހުން ބަދަލު ކުރަން ނިންމާފައިވާ ރަށެކެވެ.