ރައްޔިތުންގެ ގިނަ ބަޔަކު އެއްވެ ކުރިއަށް ގެންދިޔަ ޕެރޭޑަކާ އެކު ސިންގަޕޫރުގައި މިނިވަން ކަމަށް 50 އަހަރު ފުރުން ފާހަގަކޮށްފި އެވެ.

އިނގިރޭސިންގެ އަތްދަށުން މިނިވަންވެ ސިންގަޕޫރަށް ފުރިހަމަ މިނިވަން ކަމެއް ލިބުނީ 1965 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނުވަވަނަ ދުވަހު އެވެ. އެ ދުވަސް ސިންގަޕޫރުގައި ފާހަގަ ކުރަނީ އެގައުމުގެ ގައުމީ ދުވަހާއި މިނިވަން ދުވަހާ އެއްކޮށެވެ.

މިނިވަން ދުވަހަށް ހާއްސަކޮށްގެން ސިންގަޕޫރުގައި މީގެކުރިން ރައްޔިތުންގެ ޕެރޭޑް ކުރިއަށް ގެންގޮސްފައި ވަނީ 1960 އަދި 1970 ގެ އަހަރުތަކުގަ އެވެ. އޭގެ ފަހުން މެދުކެނޑުމަކަށް ފަހު މި އަހަރު އަލުން ޕެރޭޑް ބާއްވާފައި މިވަނީ މިނިވަން ރަންޔޫބިލް ފާހަގަކުރުމުގެ ގޮތުން ކަމަށް ސިންގަޕޫރު ސަރުކާރުން ވަނީ ބުނެފަ އެވެ.

މިނިވަން 50 ފާހަގަކުރުމަށް އިއްޔެ ސިންގަޕޫރުގައި ބޭއްވި ހާއްސަ ޕެރޭޑުގައި 26،000 ރައްޔިތުން ވަނީ ބައިވެރިވެފަ އެވެ.

ޕެރޭޑުގެ މީހުން ގިނަކަމާއި ލިބިދާނެ ގެއްލުމަކަށް ރައްކާތެރި ވުމުގެ ގޮތުން 600 މީހުން ހިމެނޭ މެޑިކަލް ޓީމެއް ވެސް ވަނީ ހަރަކާތްތެރިވެފަ އެވެ.

ޕެރޭޑުގައި 50 ވައިކުޑައިގައި 50 ޕައިލެޓުން ފޭބި

މިނިވަން ރަންޔޫބިލް ފާހަގަކުރުމަށް ސިންގަޕޫރުގެ ގިނަ ބަޔަކު ބައިވެރިވި އެ ޕެރޭޑުގައި ވަރަށް ތަފާތު ގިނަ ކަންތަތައްތަކެއް ވެސް ވަނީ ދައްކާލާފަ އެވެ.

އޭގެތެރެއިން ވެސް ގިނަ ބަޔަކަށް އެންމެ ކަމުދިޔަ އެއްކަމަކީ ސްކައި ޑައިވް ނުވަތަ ވައިކުޑައިގައި މަތިން ފޭބި މަންޒަރެވެ. މިނިވަން ކަމަށް 50 އަހަރު ފާހަގަކުރުމަށް 50 ޕައިލެޓުން ވަނީ 50 ވައިކުޑައިގައި މަތިން ފައިބައިފަ އެވެ.

އޭގެ އިތުރުން 50 އެއާފޯސް މަތިންދާ ބޯޓު ވަނީ ޕެރޭޑްކުރިއަށް ދިޔަ ވަގުތު މަތިން ޕެރޭޑާއި އެއްވަރަށް ދުއްވާފަ އެވެ.

އަދި މަތިންދާ ބޯޓުން ވަނީ 50 އަޅާފަ އެވެ.

ޕެރޭޑުގެ އެހެން ހަރަކާތްތަށް

ސްކައި ޑައިވްގެ އިތުރުން ސިންގަޕޫރުގެ މިނިވަން 50 ހާއްސަ ޕެރޭޑުގައި އެގައުމުގެ ޕްރައިމް މިނިސްޓަރު ލީ ކުއާން ޔޫ އަށް ހާއްސަކޮށްގެން ވަނީ ޓްރިބިއުޓެއް ދީފަ އެވެ.

އަދި ސިންގަޕޫރުގެ ޑިމޮކްރަސީއާއި އަމާންކަން އަދި އިންސާފާއި ހަމަހަމަކަން ކުރިއެރުވުމަށް ބުނެ ހުރިހާ އެންމެން އެއްފަހަރާއި ވަނީ ސެލިއުޓްކޮށްފަ އެވެ.

ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކެއް ވެސް ދައްކުވައިދިން އެ ޕެރޭޑުގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ވަނީ ބައިވެރިވެފަ އެވެ.

އުމުރުން ދުވަސްވީ ސިފައިންނާއި ފުލުހުން ޕެރޭޑުގައި

މިނިވަން ރަންޔޫބިލް ފާހަގަކުރުމަށް ބޭއްވި ރައްޔިތުންގެ ޕެރޭޑުގައި ހާއްސަކަމެއްގެ ގޮތުގައި ދެން ގިނަ ބަޔަކު ފާހަގަކުރީ ގިނަ ދުވަސްވަންދެން ގައުމުގެ ހިދުމަތުގައި އުޅުނު ސިފައިނާއި ފުލުހުންގެ މާޗެވެ. ޖުމްލަ 450 ސިފައިންނާއި ފުލުުހުން ވަނީ އެމީހުން ކުރީގައި ލާ އުޅުނު ޔުނިފޯމުގައި މާޗުގައި ބައިވެރިވެފަ އެވެ.

ސިންގަޕޫރުގައި ހަވާ އެރުވުން ވަރަށް ފުރިހަމަ

މިނިވަން 50 ހާއި ގުޅިގެން ހަވާ އެރުވުމުގެ ފުރިހަމަ ހަރަކާތްތަކެއް ވެސް ސިންގަޕޫރުގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ހަވާ ބޭނުންކޮށްގެން 50 އަޅާފައިވާ އިރު ހަވާގެ ތަފާތު ގިނަ ކުލަތަކެއް ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

މައުލޫމާތު: ޗެނަލް ނިއުސް އޭޝިއާ