12 Mar 2011, 12:36
މާލެ އާއި ހުޅުމާލޭގައި ވިޔަފާރި ކުރާ ބައެއް ތަންތާނގައި ތިބޭ މީހުންނަށް ބިރުދައްކައި ފޭރެމުން ދިޔަ ކަމުގެ ތުހުމަތުގައި ތިން މީހަކާއި ކުޑަ ދެ ކުދިން ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ހައްޔަރު ކުރި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ އާއި ފިހާރަތަކުން އެމީހުން ވަގަށް ނަގާފައިވާ ބައެއް ސާމާނު ވެސް ފެނިފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ޝިޔާމް ނުދެއްވަ އެވެ.
ފުލުހުން ބުނީ ބުރާސްފަތި ދުވަހާއި އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރެއިން މާލޭން ހައްޔަރު ކޮށްފައި ވަނީ މއ. ޒެނާނާ، 26، ޢަލީ ޖައުފަރާއި، މ. ގޯލްޑް ބާރޑްލިލީ، 21، ހަސަން އިޝާމް ކަމަށެވެ. އަދި އެ މައްސަލަތަކާ ގުޅިގެން ހުޅުމާލޭން ހައްޔަރުކޮށްފައި ވަނީ ޅ. ކުރެންދޫ، އެރަލްސީ 19، މުޙައްމަދު ސާމީ އާއި އަދި 18 އަހަރުން ދަށުގެ ދެ ކުއްޖެއް ކަމަށެވެ.
އެ މައްސަލަތަކާ ގުޅިގެން މިހާތަނަށް ބެލިބެލުމުން މިދިޔަ ފެބްރުއަރީ މަހުގެ 20 ފެށިގެން މިހާތަނަށް 16 ވަރަކަށް ތަނުން އެމީހުން އެކި ފަހަރުމަތިން މީހުންނަށް ތޫނު އެއްޗެހިން ބިރުދައްކައި ފޭރި ހަދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.