09 Aug 2015, 09:59
ށ. ނަރުދޫ ސްކޫލު ގޭޓުގައި ތަޅުއަޅުވައި ކައުންސިލް އިދާރާއާއި ހެލްތު ސެންޓަރުގެ ތަޅަށް އަލްޓިކޯ އެޅި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ނަރުދޫ ކައުންސިލްގެ ރައީސް އަބްދުﷲ ޝަފީގު މިއަދު ސަން އަށް ވިދާޅުވީ، މިއަދު ހެނދުނު އެ ތިން އިދާރާ ހުޅުވަން ދިޔައިރު ތިން އިދާރާގެ ތަޅުވެސް ނުހުޅުވޭގޮތަށް ބަންދުކޮށްފައިވާ ކަމަށެވެ. އެމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާއިރު މިހާރު އެއިދާރާތައް ހުޅުވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ތިން އިދާރާގެ ތަޅު ބަންދުކުރީ ކީއްވެކަން ދަންނަވަން ނޭނގޭ ކަމަށާއި އެރަށުގައި ވަރަށް ބޮޑަށް ރޯގާ އުޅޭތީ ބައެއް ފަރާތްތަކުން ހިތްހަމަ ނުޖެހުން ފާޅުކުރަމުން ދާ ކަމަށެވެ.
"ބައެއް ފަރާތްތަކުން މިނިވަން 50އަށް ބޮކިފަތި އެލުވުމާއި މިކަންތައްތައް ޑެންގީ ކަންތަކަށް ވުރެ ބޮޑަށް އުޅުމުން ކަންބޮޑުވުން ހުރި،.. ދެން ވަކި ކަމެއް އަޅުގަނޑަކަށް ނޭނގެ، ކީއްވެ ކަމެއް،" ޝަފީގު ވިދާޅުވިއެވެ.
އެ ތިން އިދާރާގެ ތަޅު ބަންދުކުރި ނަމަވެސް މިހާރު ވަނީ އެތިން އިދާރާވެސް ހުޅުވައި ހިދުމަތް ދޭން ފަށާފައެވެ.