09 Aug 2015, 09:43
ކާބުލް (އޮގަސްޓް 9) : ތާލިބާން ޖަމާއަތުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށް އަނެއްކާ ވެސް ބޮމުގެ ޙަމަލާތަކެއްދީ ނުވަ މީހަކު މަރާލައިފި އެވެ.
މިއީ ހަތަރު ދުވަހުގެ ތެރޭގައި ތާލިބާން ޖަމާއަތުން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްއަށްދިން ތިންވަނަ ހަމަލާ އެވެ. މިތިން ޙަމަލާގައި 50 އަށް ވުރެ ގިނަ މީހުން މަރުވެ 150 އަށް ވުރެ ގިނަމީހުން ޒަޚަމްވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަފްޣާން އާންމުންނެވެ. އިއްޔެގެ ހަަމަލާ އަމާޒުކޮށްފައި ވަނީ ކާބުލްގައި ހުންނަ އެމެރިކާގެ އަސްކަރީ ކޭންޕަކަށެވެ. މި ހަމަލާގައި ނުވަ މީހުން މަރުވި އިރު މީގެތެރެއިން އަށް މީހުންނަކީ އަފްޣާން އާންމުންނެވެ. އަފްޣާން ސަލާމަތީ ބާރުތަކުންބުނީ ތާލިބާނުންގެ މިޙަމަލާގައި ނޭޓޯގެ ސިފައިންގެ މީހަކާއި އަފްޣާން އާންމުންގެ އަށް މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވި ކަމުގަ އެވެ.
ނޭޓޯގެ ކޮމާންޑުން ވެސް ވަނީ އިއްޔެގެ ހަމަލާގައި ނޭޓޯގެ ސިފައިންގެ މީހަކު މަރުވިކަމަށްް އެއްބަސްވެފަ އެވެ. ނަމަވެސް މަރުވި މީހާ ނިސްބަތްވާ ގައުމެއް ހާމައެއް ނުކުރެ އެވެ. ތާލިބާނުން މިހަމަލާތައް ދީފައިމިވަނީ އެޖަމާއަތުގެ ޒައީމް މުއްލާ މުހައްމަދު އުމަރު މަރުވުމާ އެކު ޒައީމް ކަމުގެ މަގާމަށް އަލަށް އައްޔަންކުރި މުއްލާ އަޚްތަރު މަންސޫރުގެ ޒަޢާމަތާ މެދު އެޖަމާއަތުގެ ލީޑަރުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގަ އެވެ.
މިދުވަސްވަރު ތާލިބާނުންގެ އަސްކަރީ ހަމަލާތައް މަދުވާނެ ކަމަށް ނޭޓޯއާއި އަފްޣާން ސަރުކާރުން ބަލައިގެންތިބި ނަމަވެސް ހަމަލާތައް ވަނީ އިތުރަށް ވަރުގަދަވެފަ އެވެ. މިޙަމަލާގެ ކުރިން ތާލިބާނުން އަފްޣާން ފުލުންނަށް އަމާޒުކޮށްދިން ހަމަލާތަކެއްގައި ވެސް އަފްޣާން ފުލުހުންގެ އެކަޑަމީއެއްގައި ކިޔަވާ 20 މީހަކު މަރާލާފައިވެ އެވެ. އޭގެ އެއްދުވަސްކުރިން ތާލިބާނުން ދިން ޙަމަލާތަކެއްގައި 22 މީހަކު މަރާލާފައިވެ އެވެ. މި ތިން ހަމަލާވެސް ތާލިބާނުން ދީފައިމިވަނީ ހަތަރުދުވަހުގެ ތެރޭގައެވެ. (ބީބީސީ)