ގެއްލިފައިވާ މަތިންދާބޯޓް އެމްއެޗް 370 ހޯދުމުގައި ރާއްޖެއާއި މޮރިޝަސްއާއި މަޑަގަސްކަރައިން އެހީވުމަށް މެލޭޝިއާއިން އެދިއްޖެއެވެ.

މެލޭޝިއާގެ " ދަ ސްޓާ އޮންލައިން" ނޫހުން މިއަދު ބުނީ މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ތިން ގައުމުގެ އެހީއަށް އެދުނީ ފްރާންސް ސަރުކާރުން ރިޔޫނިއަންގެ ވަށައިގެންވާ ސަރަހައްދު ވަޔާއި ކަނޑުމަގުން، ބަލައި ހޯދަން ފެށުމުން ކަމަށެވެ.

މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ލިއޯ ޓިއޮން ލައި ވިދާޅުވި ކަމަށް ނޫހުގައި ވަނީ އެމްއެޗް 370 ( ކަނޑަށް ވެއްޓުނުކަމުގެ) ފުރަތަމަ މާއްދީ ހެކި ކަމަށްވާ ފްލެޕްރޯން އެއް ރިޔޫނިއަން ޖަޒީރާއިން ފެނުމުން އެބޯޓް ހޯދޭނެ ކަމުގެ އުއްމީދު އާލާވެއްޖެ ކަމަށެވެ.

" އެމްއެޗް370 ގެއްލުނު ހާދިސާއަކީ އަދިވެސް ނޭނގުމުގެ ތެރޭގައިވާ ކަމެއް. އަހަރެމެން އަދިވެސް އިތުރު ބައިތައް ލިބެން ބޭނުންވޭ. އިތުރު ޑާޓާއާއި އިތުރު މައުލޫމާތު،" ނޫސް ވެރިންނާ ވާހަކަފުޅު ދައްކަވަމުން ލިއޯ ވިދާޅުވިކަމަށް ނޫހުގައި ވެއެވެ.

މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.