ކޮބާ އަދިވެސް ތަސްދީގެއް ނުކުރައްވާތަ؟ މިއީ މިހާރަކަށް އައިސް އެންމެ ގިނަ ބަޔަކު ކުރާ ސުވާލެވެ. ވާނީވެސް އެހެނެވެ. އެތައް ބަޔަކު އެ ތިބީ ޓުރެފިކް އުސޫލްތަކާއި ހިލާފަށް ކުރެވުނު ކުށުން އަދަބެއްގެ ގޮތުގައި ލިބުނު ޖޫރިމަނާ މާފުވާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ. ޓްރެފިކް ޖޫރިމަނާ މައާފުވާ އިސްލާހު މަޖިލީހުން އެވަނީ ފާސްކޮށްފަ އެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެބިލް ތަސްދީގު ކުރައްވާ ހިސާބުން އެ ޖޫރިމަނާތައް މައާފްވެެގެންދާނެ އެވެ. މިއީ އެތައް ބައެއްގެ އިންތިޒާރެއްގެ ނިމުމެވެ.

އެއްގަމު ދަތުރު ފަތުރުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ހޯމަ ދުވަހު ފާސްކޮށްފައިވާ ބިލުގައި ބުނާ ގޮތުން އެ އިސްލާހު ތަސްދީގު ކުރެވި ގާނޫނަށް އަމަލު ކުރަން ފެށުމުގެ ކުރިން ލައިސަންސް އޮވެގެން ނުވަތަ ލައިސަންސް ނެތި ދުއްވުމުގެ ސަބަބުން ނުވަތަ އެއްވެސް ސަބަބަކާ ހުރެ ލައިސަންސް ހިފަހައްޓައިގެން ޖޫރިމަނާ ކޮށްފައިވާ ޖޫރިމަނާ ފައިސާ މައާފު ވެގެންދާނެ ކަމަށެވެ. މިއީ ގިނަ ބައެއްގެ އިންތިޒާރާއި ގުޅިފައިވާ ބިލެކެވެ.

"އަހަރެން 1500 ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފައި، ލައިސެންސް ހިފަހައްޓާފައިވާތާ މި އަހަރު ނޮވެމްބަރު މަހަށް އަހަރެއް ވާނެ، މިހާރު މިހުންނަނީ އެ ބިލް ތަސްދީގް ނުކޮށްގެން، އޭރުން މިކަމުން ސަލާމަތްވީނު،" ގަވައިދާ ހިލާފަށް ސައިކަލް ދުއްވުމުން ޖޫރިމަނާވެފައިވާ އަލީ ނަސީރު ބުންޏެވެ.

މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ވެސް ވަނީ ނުގަވައިދުން ޕާކްކޮށްފައި ހުރި އުޅަނދުތަކުގައި 15،964 ސްޓިކާ ޖަހައިފަ އެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ވަނީ 16،840 އެވެ. މިދިޔަ އަހަރު ފުލުހުން ވަނީ ގަވައިދާ ހިލާފަށް ޕާކްކޮށްފައި ހުރި 54،303 އުޅަނދެއްގައި ސްޓިކާ ޖަހައިފަ އެވެ. އެއީ އެތައް ލައްކަ ރުފިޔާ އެވެ. ގިނަ އަދަދެއްގެ ބަޔަކު ސްޓިކާއަށް ފައިސާ ދައްކާފައިވާ އިރު ދައުލަތަށް ނުލިބޭ ފައިސާ އެތައް ލައްކައެއް އެބައުޅެ އެވެ. އެބިލް ރައީސް ތަސްދީގް ކުރައްވާ ހިސާބުން އެ ޖޫރިމަނާތަކުގެ ގޮތުގައި ދައުލަތައް ނުދައްކާ ހުރި ހުރިހާ ޖޫރިމަނާއެއް މައާފް ވެގެންދާނެ އެވެ. ހަމައެއާ އެކު ލައިސެންސް ހިފަހައްޓައިގެން ކޮށްފައިވާ ޖޫރިމަނާތައް މައާފް ވެގެންދާނެ އެވެ. އެކަމަށް އެތައް ބައެއް އެދަނީ އިންތިޒާރު ކުރަމުންނެވެ.

އެ ބިލު ދިރާސާ ކުރެއްވި ކޮމެޓީ އިގްތިސާދީ ކޮމެޓީން އެ ބިލު ފުރަތަމަ ނިންމީ ހަމަ އެކަނި ސުޓިކާ ޖަހާފައިވާ އުޅަނދުތަކުގެ ޖޫރިމަނާ މައާފުވާ ގޮތަށެވެ. އެހެންނަމަވެސް ފަހުން އެ ބިލު ދެވަނަ ފަހަރަށް ކޮމެޓީ މަރުހަލާއަށް ފޮނުވުމަށް ފަހު ލައިސަންސް ހިފަހައްޓާފައިވާ ފަރާތްތަކުގެ ޖޫރިމަނާ ވެސް މައާފުވާ ގޮތަށް ގާނޫނަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

ކަން މިހެން އޮތް އިރު އެބިލަށް ތާއީދު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވެސް ވާހަކަ ދައްކަވާފައިވާކަން އެއީ އެ ބިލު ތަސްދީގު ވެގެންދާނެ ކަމުގެ ހެއްކެ ކެވެ. ޒުވާނުންނާއި ބައްދަލުކުރައްވައި އެމަނިކުފާން ވިދާޅުވެފައި ވަނީ ޒުވާނުން ދައުލަތަށް ދަރާފައިވާ މިންވަރު ޓޯޔާޑަށް ބަލައިލުމުން އެނގިވަޑައިގަންނަވާ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސް ކުރުމާ އެކީ ދިވެހި އެއްވެސް ޒުވާނަކީ ދައުލަތަށް ދަރާފައިވާ ޒުވާނަކަށް ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅި އެވެ. މިހާތަނަށް އެނގިފައިނުވާ އެއްޗަކީ އެބިލް ތަސްދީގް ކުރައްވާނެއިރެކެވެ.

ރައީސް ޔާމީން އެބިލް ތަސްދީގް ކުރައްވާ ހިސާބުން ޖޫރިމަނާތައް މައާފްވެގެންދާއިރު އެކަން ހިނގާނީ ފުލުހުންގެ ބެލުމުގެ ދަށުންނެވެ. ޖޫރިމަނާގެ ފައިސާ ބަލައިގަންނަ އިންލެންޑް ރެވިނިއު އޮތޯރިޓީ(މީރާ)ގެ ޑިރެކްޓާ ޖެނެރަލް އޮން އޮޑިޓް އެންޑް އިވެސްޓިގޭޝަން ފަތުހުއްﷲ ޖަމީލް ވިދާޅުވީ މީރާއިން ޖޫރިމަނާ ފައިސާ ބަލައިގަންނަމުން ދަނީ ފުލުހުންގެ ސިސްޓަމަކުން ފެންނަ މައުލޫމާތުތަކަށް ބަލައިގެން ކަމަށާއި އެސިސްޓަމުން އެޖޫރިމަނާއެއްގެ މައުލޫމާތު ފެންނަން ނެތްނަމަ އެމީހެއްގެ ޖޫރިމަނާ މާފްވީ ކަމަށް އެއޮތޯރިޓީއިން ބަލާނެ ކަމަށެވެ.

"އޭގެ ޑޭޓާތަކާއި ހުރިހާ އެއްޗެއް ބެލެހެއްޓުން މިހުންނަނީ ފުލުހުންނަށް، އަޅުގަނޑުމެން ހަމައެކަނި ފައިސާ ބަލައިގަތުމުގެ މަސައްކަތް ކުރިއަށްގެންދަނީ، ފުލުހުންގެ ސިސްޓަމެއްގައި ހުންނާނީ، ވަކި ހިސާބަކުން ފެށިގެން މާފްވީމަ ފެންނަން ނެތީމަ މާފްވީ ކަމަށް އަޅުގަނޑުމެން ބަލަނީ." ފަތުހުއްﷲ ވިދާޅުވި އެވެ.

ބިލް ތަސްދީގް ކުރައްވާނެއިރަކަށް ފުލުހުން ވެސް ކެތް މަދުވެފައި!

އެބިލް ތަސްދީގް ކުރައްވާ ހިސާބުން ޓުރެފިކް ޖޫރިމަނާތައް މައާފްވެގެންދާތީ ފުލުހުން ވަނީ ވަގުތީ ގޮތުން ސްޓިކާ ޖެހުން ހުއްޓާލާފަ އެވެ. ސަބަބަކީ މިހާރު ކުރާ މަސައްކަތް "ފޫނެއްފަޔަށް ފެން ފުރުން." ކަމަށް ވާނެތީ އެވެ. ނަތީޖާއަކީ ނުގަވައިދުން ޕާކް ކުރުން އިންތިހާއަށް އިތުރުވެގެންދިއުމެވެ. އެއާއެކު މާލޭ މަގުތަކުގެ ތަރުތީބް އެވަނީ ގެއްލިފަ އެވެ. ހިތައް އެރި ތަނެއްގައި ހިތައް އެރިގޮތަކަށް އުސޫލެއް ހަމައެއްނެތި ޕާކްކޮށްފައި ދިއުން އެވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އެއާއެކު ދުއްވާ އުޅުމަށާއި ހިނގާ ބިނގާވެ އުޅުމަށް އެތައް ދައްޗެއް އެވަނީ ކުރިމަތިވެފަ އެވެ.

މަޖިލީހުން ފާސްކޮށް ތަސްދީގް ކުރެއްވުމަށް ރައީސް ޔާމީންއަށް ފޮނުއްވާފައިވާ ގާނޫނު ތަސްދީގް ކުރައްވާ ހިސާބުން އަނެއްކާ ވެސް ޖޫރިމަނާ ކުރުމުގެ ފުރުސަތު ފުލުހުންނަށް ލިބިގެން ދެ އެވެ. އެއާއެކު ނުގަވައިދުން ޕާކް ކުރުމާއި ޓުރެފިކް ގާނޫނާއި ހިލާފްވާ ފަރާތްތައް ޖޫރިމަނާ ކުރެވޭނެ އެވެ.

ޗީފް ސްޓޭޝަން އިންސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ސުޖާއު ވިދާޅުވީ މިދުވަސް ވަރު ޖޫރިމަނާ ކުރުން ކުރިއަށްނުގެންދިޔަ ނަމަވެސް ޖޫރިމަނާ ކުރުމަށް އެކަމަށް ބޭނުންވާ ސްލިޕް ތައްޔާރުކޮށް ފުލުހުން އެކަމަށް ތައްޔާރުވެފައިވާ ކަމަށެވެ. ފުލުހުން ތިބީ އެބިލަށް ވާނެ ގޮތެއްގެ އިންތިޒާރުގަ އެވެ.

"މާދަމާވެސް އެބިލް ފާސްވެގެން އައިސްފި ނަމަ އަޅުގަނޑުމެން ޕާކިން ވައިލޭޝަން އާއި ހުރިހާ ވައިލޭޝަންތަކަށް ފިޔަވަޅު އަޅަން ފަށާނެ،." ސުޖާއު ވިދާޅުވި އެވެ.

ބިލް ފާސްކުރިތާ މާދަމާއަށް ހަފްތާއެއް ވާއިރު ގިނަބައެއް އެތިބީ އެބިލު ގާނޫނަކަށް ވާނެއިރެއްގެ އިންތިޒާރުގަ އެވެ. އެއްބަޔަކު އެމީހުން ޖޫރިމަނާތައް އުވި ލައިސެންސްތައް އަތައް ލިބޭނެއިރެއްގެ އިންތިޒާރުގަ އެވެ. ކަމާގުޅޭ ފަރާތްތަކުގެ އިންތިޒާރަކީ އެބިލް ތަސްދީގު ނުވުމުގެ ސަބަބުން ޕާކް ކުރުމަށާއި އެހެނިހެން އިންތިޒާމްތަކަށް އަރާފައިވާ ބުރޫތަކަށް ފިޔަވަޅުއެޅުމެވެ.