މި މަހުގެ 30 ގައި ފެށުމަށް ހަމަޖެހިފައިވާ ދިރާގު ދިވެހި ލީގު ފުޓްބޯޅަ މުބާރާތް ޓްރޭޑާސް ހޮޓެލްގައި ރޭ ލޯންޗުކޮށްފި އެވެ.

ދިރާގާއި އެފްއޭއެމް ގުޅިގެން ޓްރޭޑާސް ހޮޓަލުގައި ރޭ ބޭއްވި ހަފުލާގައި ލީގުގައި ވާދަކުރާ އަށް ކްލަބްގެ އިސް ފަރާތްތައް ވަނީ ބައިވެރިވެފަ އެވެ.

މި ފަހަރުގެ ދިވެހި ލީގުގައި ވާދަކުރަނީ ޗެމްޕިއަން ވީބީ ސްޕޯޓްސް އާއި ވިކްޓަރީ އާއި ނިއުރޭޑިއަންޓާއި ވެލެންސިއާ އާއި މާޒިޔާގެ އިތުރުން ވިޔަންސާ އާއި ކްލަބް އީގަލްސް އަދި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އެވެ.

"ދިވެހި ފުޓްބޯޅަ އަށް އާ ދިރުމެއް" މި ޝިޢާރުގެ ދަށުން މިއަހަރު ފުޓްބޯޅަ އިތުރަށް ކުރި އެރުވުމަށްޓަކައި ދިރާގުން ރާވާފައިވާ ކަންތައްތައް ރޭ ވަނީ އިއުލާން ކޮށްފަ އެވެ. އެގޮތުން ކްލަބްތަކުގެ މަޢުލޫމާތުތައް އާންމުންނަށް މޯބައިލް ފޯނު މެދުވެރިކޮށް ލިބޭނެ ގޮތް ހަމަޖައްސައިދިނުމާއި އަދި 12 އަހަރުން ދަށުގެ ކުދިންނަށް ހިލޭ މެޗު ބަލަން ދަނޑަށް ވަދެވޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭ ގޮތުން ވެސް ދިރާގުން ވަނީ ވާހަކަ ދައްކައިފަ އެވެ.

ރޭގެ ހަފްލާގައި ފުޓްބޯޅައިގައި ހަރަކާތް ތެރިވާ ގިނަ އަދަދެއްގެ ފަރާތްތަކެއް ވަނީ ބައިވެރިވެފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް، ދިރާގުން އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު ތިން އަހަރުގެ މުއްދަތަށް ލީގު އަލުން ސްޕޮންސަކުރީ މިދިޔަ އަހަރު އެވެ.