08 Aug 2015, 18:59
މަތިންދާ ބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެތި ތަކެއް އުތުރުގެ އަތޮޅުތަކުން ފެނިގެން ފުލުހުން އެކަން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ މަތިންދާ ބޯޓުގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެތި ތަކެއް އުތުރުގެ ބައެއް އަތޮޅުތަކުން ފެނިގެން އެކަން ބަލަމުން އަންނަ ކަމަށެވެ.
އޭގެ ތެރެއިން ބ. އަތޮޅު ފެހެންދޫއިން ފެނިފައި ވަނީ އަށް ފޫޓް ވަރުގެ އެތިގަނޑެކެވެ. އޭތި ފެނިފައި ވަނީ މީގެ ތިން ދުވަސް ކުރިން އެރަށު ގޮނޑުދޮށަށް ލައްގާފައިއޮށްވަ އެވެ. އޭތި މިހާރު ފުލުހުން ވަނީ ގެންގޮސްފައި ކަމަށް އެރަށުން މައުލޫމާތު ދެ އެވެ.
ފުލައިޓުގެ ބައިތައް ދެން ފެނުނު ކަމަށް ބުނާ ރަށްރަށުން ތަފްސީލީ މައުލޫމާތެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.
ކަނޑުގައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ މަތިންދާ ބޯޓެއްގެ ފިޔަގަނޑެއް ކަމަށް ބެލެވޭ އެއްޗެއް ބަނިއަން ޓްރީ ރިސޯޓަށް ލައްގާފައިވަނިކޮށް ފެނިފައިވާތީ ފުލުހުން ވަނީ އެ މައްސަލަ ވެސް ތަހުގީގު ކުރަން ފަށާފައެވެ.
ބަނިއަން ޓްރީ ރިސޯޓުގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު މުހައްމަދު ނައީމް މިއަދު ސަން އަށް ވިދާޅުވީ މަތިންދާބޯޓެއްގެ ފިޔަގަނޑެއް ކަމަށް ބެލެވޭ ބައިތައް ފެނިފައި ވަނީ މީގެ ދެ މަސް ނޫނީ ތިން މަސް ކުރިން ކަމަށެވެ. އެހެންނަމަވެސް އެތަކެތި ފެނުނުކަން އެނގިވަޑައިގަތީ ސޯޝަލް މީޑިއާގައި މީހަކު އޭގެ ފޮޓޯތަކެއް ޝާއިއުކުރުމުން މީގެ ދެ ދުވަސް ކުރިން ކަމަށް ވެސް ނައީމް ވިދާޅުވި އެވެ.
ނައީމް ވިދާޅުވީ ރިސޯޓަށް ލައްގާ ތަކެތި އާންމު އުސޫލުން ނައްތާލަން ގެންދަނީ ކ. ތިލަފުއްޓަށް ކަމަށާއި އެގޮތުގެމަތިން އެތަކެތި ވެސް ވަނީ ފެނުނު ދުވަހު ތިލަފުއްޓަށް ގެންގޮސްފައި ކަމަށެވެ.
އެރިސޯޓުގެ އޮފިޝަލް ވިދާޅުވީ އެ ރިސޯޓަށް ލެއްގި މަތިންދާ ބޯޓުގެ ފިޔަގަނޑެއް ކަމަށް ބެލެވޭ ބައިތަކުގެ ތެރެއިން ފަސް އިންޗި ނޫނީ ހަތް އިންޗި ވަރުގެ ބައެއް އަދިވެސް އެރަށުގައި އެބައޮތް ކަމަށާއި އެބައި ފުލުހުންނާ ހަވާލުކުރުމަށް ރިސޯޓުގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން އިންޑިއާ ކަނޑުގެ ޖަޒީރާއެއް ކަމަށްވާ ރީޔޫނިއަނުން ވަނީ މަތިންދާ ބޯޓެއްގެ ބައިތަކެއް ފެނިފައެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެފައި ވަނީ އެތަނުން ފެނުނު މަތިންދާ ބޯޓުގެ ބައިތަކަކީ ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ އެމްއެޗް 370 ގެ ބައިތަކެއް ކަމަށް ފްރާންސުން އެތަކެތި ތަހުލީލު ކުރި ފަރާތްތަކުން ޔަގީންކޮށްދީފައިވާ ކަމަށެވެ.