ކ. ވައްބިންފަރުގައި ހިންގާ ބަނިއަން ޓްރީ ރިސޯޓަށް ލެއްކި މަތިންދާބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތައް މެލޭޝިޔާއަށް ފޮނުވަން ނިންމާފައިވާކަން "ސަން"އަށް އެނގިއްޖެ އެވެ.

ގެއްލިފައިވާ މެލޭޝިޔާ އެއާލައިންގެ އެމްއެޗް370ގެ ފިޔަގަނޑެއް އިންޑިއާ ގަނޑުގައިވާ ޖަޒީރާ ރަށެއް ކަމަށްވާ ރިޔޫނިއަންގެ އައްސާރިފަށުން ފެނިފައިވަނިކޮށް، ކ. އަތޮޅު މެދުގައިވާ ވައްބިންފަރަށް މަތިންދާ ބޯޓެއްގެ ބައިތަކެއް ކަމަށް ބެލެވޭ އެއްޗެހިތަކެއް ވަނީ ލައްގާފަ އެވެ. ނަމަވެސް އެ ރަށަށް ގެއްލި ބައެއް ތަކެތި ވަނީ ތިލަފުއްޓަށް ގެންގޮސްފަ އެވެ. ވައްބިންފަރުގައި އޮތީ ފިޔަގަނޑެއް ކަމަށް ބެލެވޭ ބައިތަކުގެ ތެރެއިން ފަސް އިންޗި ނޫނީ ހަތް އިންޗި ވަރުގެ އެއްޗެކެވެ.

ފުލުހުންގެ ތަހުގީގު ޓީމެއް ވައްބިންފަރަށް ގޮސް، އެތަކެތީގެ ތަހުގީގު ފަށާފައި ވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

ސަރުކާރުގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވީ ވައްބިންފަރުން ފެނުނު ތަކެތި މެލޭޝިޔާއަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ. އަދި އެ ރަށުން ފެނުނު، ބައެއް ތަކެތި ތިލަފުއްޓަށް ގެންގޮސްފައި ވާތީ، އެތަކެތި ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށް ވެސް "ސަން"އަށް ވަނީ އެނގިފަ އެވެ.

ބަނިއަން ޓްރީ ރިސޯޓުގެ އޮފިޝަލަކު ވިދާޅުވީ ތިލަފުއްޓަށް ގެންދިޔަ ތަކެތި ނައްތާލިކަން ވެސް އަދި ނައްތާނުލާކަން ވެސް ދަންނަަވަން ނޭނގޭ ކަމަށެވެ.

ރީޔުނިއަނުން ފެނުނު މަތިންދާބޯޓުގެ ފިޔަގަނޑާ ގުޅޭ ގޮތުން މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެފައި ވަނީ އެތަކެއްޗަކީ މެލޭޝިއަން އެއާލައިންސްގެ އެމްއެޗް 370 ގެ ބައިތަކެއް ކަމަށް ފްރާންސުން އެތަކެތި ތަހުލީލު ކުރި ފަރާތްތަކުން ޔަގީންކޮށްދީފައިވާ ކަމަށެވެ.

އެންމެ ފަހުން އެމްއެޗް 370 ފްލައިޓްގެ ޚަބަރެއް ވެފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހު އަށް ވަނަ ދުވަހު މެލޭޝިއާގެ ވެރިރަށް ކްއާލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބޭޖިންއަށް ނާއްޓަލި ފަހުންނެވެ. ބޯޓު ނައްޓާލިތާ ގަޑިއެއްހާއިރު ފަހުން ބޯޓުގެ ސިގުނަލް ގެއްލި، މިއަދާއި ހަމަޔަށް ވެސް އެ ބޯޓުވީތަނެއް ނޭނގެ އެވެ.

އެ ދުވަހު އެ ބޯޓު ބޭޖިންއަށް ދާން ނައްޓާލި އިރު އެ ބޯޓުގައި ޗައިނާގެ 152 ރައްޔިތުން ތިއްބެވެ. އަދި ބޯޓުގެ ކްރޫންނާއި ފަސިންޖަރުންނާ އެކު ޖުމްލަ 239 މީހުން އެ ބޯޓުގައި ދަތުރު ކުރި އެވެ.