08 Aug 2015, 18:15
މީގެ 10 މަސް ދުވަސް ކުރިން އެމްޓީ ހޯގާޑާ ހަވާލުކޮށްފައިވާ ގދ.ފަރެސްމާތޮޑާގެ ގޮނޑުދޮސް ހިމާޔަތްކުރުމުގެ މަސައްކަތް އެ ކުންފުނިން މިއަދު ފަށައިފިއެވެ.
އެ މަސައްކަތް މިއަދު ފެށިކަން އެންވަޔަރްމެންޓް މިނިސްޓްރީން މިއަދު ވަނީ ސޯޝަލް މީޑިއާ ޓްވިޓާ އާއި ފޭސްބުކްގައި ހާމަކޮށްފައެވެ.

ފަރެސްމާތޮޑާގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ރަސްމިއްޔާތު.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމްޓީހޯގާޑާ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 37.8 މިލިއަން ރުފިޔާގެ އަގަކަށް 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އެމަޝްރޫއުގެ ދަށުން ފަރެސްމާތޮޑާގެ ފުށްޓަރު ފަރާތުގައި 734 މީޓަރުގެ ސަރަހައްދެއްގައި ބޮޑުހިލަ ޖަހާނެ އެވެ.

ފަރެސްމާތޮޑާގެ ގޮނޑުދޮށް ހިމާުޔަތް ކުރުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތު. ފޮޓޯ: އެންވަޔަރްމެންޓް މިނިސްޓްރީ
އެންވަޔަރެމެންޓް މިނިސްޓަރު ތޯރިގު އިބުރާހީމް އޭރު ވިދާޅުވީ ކުރިން ދެރަށެއްގެ ގޮތުގައި އޮތް ފަރެހާއި މާތޮޑާ ގުޅުވައިލި ފަހުން ރަށްގިރުމުގެ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ.
"ފަރެސްމާތޮޑާ މީގެ ކުރިން ދެރަށެއްގެ ގޮތުގައި އޮތް ނަމަވެސް އެ ދެރަށް ގުޅުވާލުމަށް ފަހު އެ ރަށަށް އުދައެރުމާއި ރަށް ގިރުމުގެ މައްސަލަ ވަރަށްބޮޑަށް ކުރިމަތިވެފައިވޭ. ރަށް ގިރުމުގެ މައްސަލަ ހައްލުވެއްޖެ ނަމަ އެ ރަށެއްގެ ތަރައްގީ އަށް ވެސް އިތުރު ފުރުސަތުތައް ލިބިގެންދާނެ،" މިނިސްޓަރު އޭރު ވިދާޅުވި އެވެ.