ޖަޕާނަށް އިއްޔެ އައި ބިންހެލުމަކީ އެ ގައުމުގައި މިހާތަނަށް ރެކޯޑްކުރެވިފައިވާ އެންމެ ބާރުގަދަ ބިންހެލުމެވެ. އަދި ދުނިޔޭގެ ރެކޯޑުތަކަށް ބަލާއިރު ހަތް ވަނަ އަށް އެންމެ ބާރުގަދަ ބިންހެލުންވެސްމެ އެވެ. ޖަޕާނުގެ ވެރިރަށް ޓޯކިޔޯއާ 250 މޭލު ބޭރުން، ރިކްޓާ މިންގަނޑުން 8.9 ގެ ބާރުމިނުގައި އައި އެ ބިންހެލުމާއެކު އުފެދިގެން ދިޔަ 10 މީޓަރުގެ އުސް ސުނާމީގައި ޖަޕާނުގެ އިރުއުތުރު އައްސޭރިފަށް ވަނީ މުޅިން ސުއްނާފަތިވެފަ އެވެ. ބިޔަ ރާޅުތައް އަރައިގެން އައި މަގުތަކުގައި ހުރި ވެހިކަލްތަކާއި، ގެތަކާއި އިމާރާތްތައް ވަނީ ރާޅާއެކު އޮޔާގޮސްފަ އެވެ. ބޮޑެތި ބޯޓުފަހަރާއި ލޯންޗްތައް ވަނީ ރާޅުގައިޖެހި އެއްގަމަށް އެހެލައިފަ އެވެ. ކުނިބުނިތަކުގެތެރޭ އެއްބަޔަކު ތާށިވެފައިވާއިރު، އަނެއް ބަޔަކު ތިބީ އުސް އިމާރާތްތަކުގެ މަތީ، އެހީގެ އިންތިޒާރުގަ އެވެ.

ޖަޕާނަށް ކުރިމަތިވި މި ކާރިސާގައި މަރުވި މީހުންގެ އަދަދު 350 އަށް އަރައިފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ބުނި ނަމަވެސް، އެ އަދަދު 1400 އަށްވުރެ މައްޗަށް އަރާނެ ކަމަށް މިހާރު ވަނީ ބެލެވެން ފަށައިފަ އެވެ. އެ ބިންހެލުމުގެ އެޕިސެންޓަރާ ކައިރީގައި އޮންނަ ޖަޕާނުގެ ސެންޑާއީގެ ބަނދަރު ހަދައިފައިވާ މިޔާގީ ސިޓީން އެކަނިވެސް 200-300 އާ ގާތްކުރާ އަދަދަށް މަރުވެފައިވާ މީހުންގެ ހަށިތައް ވަނީ ފެނިފަ އެވެ. އެންމެ ބޮޑަށް ގެއްލުން ލިބުނު ހިސާބުތަކުގެ ތެރޭގައި ތިން ބައިކުޅަ އެއްބައި މިހާރު ފެނުއަޑީގައި އޮތް މިޔާގީއާއި އެ ހިސާބާ ކައިރީގައި އޮންނަ ފުކުޝިމާ އަދި ޓޯކިޔޯގެ އުތުރުގެ ސަރަހައްދުތައް ހިމެނެ އެވެ. އެ ހިސާބުތަކުން ގިނަ އަދަދަކަށް މީހުން ގެއްލިފައިވާއިރު، ގެއްލުނު މީހުންގެ ޖުމްލަ އަދަދު 800 އަށްވުރެ ގިނަ ކަމަށް އޮފިޝަލުން ދަނީ ބުނަމުންނެވެ. އަދި ސުއްނާފަތިވެފައިވާ ގެދޮރުގެ އަދަދު 1800 އަށްވުރެ ގިނައިރު، އެތައް ހާސް ބަޔަކު ވަނީ ގެދޮރު ގެއްލި، ބިކަހާލުގައި ޖެހިފަ އެވެ.

މީގެ އިތުރުން ޖަޕާނުގައި ވަނީ ނިއުކްލިއާ ލީކޭޖެއްގެ ބިރު ވެސް ބޮޑުވެފަ އެވެ. ޖަޕާނުގައި އާބާދީގެ ތިންބައިކުޅަ އެއްބަޔަކަށް ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ 55 ނިއުކްލިއާ ޕަވާ ސްޓޭޝަންގެ ތެރެއިން ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ފުކުޝިމާ ސްޓޭޓްގައި ހުރި ނިއުކްލިއާ ޕަވާ ޕްލާންޓްގެ ކޫލިން ސިސްޓަމް ފެއިލްވުމާ ގުޅިގެން، އެ ސަރަހައްދުގައި ވަނީ ކުއްލި ހާލަތުވެސް އިއުލާންކޮށްފަ އެވެ. އަދި މިހާތަނަށް ރޭޑިއޭޝަންގެ އަސަރުހުރި އެއްވެސް މެޓީރިއަލެއް ލީކުނުވާ ކަމަށް ޖަޕާނުގެ ސަރުކާރުން ކަށަވަރުކޮށްދިން ނަމަވެސް، ނިއުކްލިއާ ލީކޭޖެއްގެ ބިރުބޮޑެވެ. އެހެންކަމުން، ފުކުޝިމާގެ ނިއުކްލިއާ ސްޓޭޝަންތަކުގެ ވަށައިގެން 10 ކިލޯމީޓަރު ހުސްކޮށް، އެ ސަރަހައްދުގައި ދިރިއުޅެމުންދިޔަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

އޮފިޝަލުން ބުނާ ގޮތުގައި، ނިއުކްލިއާ ސިސްޓަމްގެ ކޫލިން ސިސްޓަމް ފެއިލްވުމާ ގުޅިގެން، ރިއެކްޓަރުތަކުގެ ހޫނުމިން ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. އެ ހޫނުކަން ތިރިކުރުމަށްޓަކައި، ކޮންމެވެސް ވަރަށް ރޭޑިއޯއެކްޓިވްސް ސްޓީމް ދޫކުރުމަށް މަޖުބޫރުވާނެ ކަމަށާއި އޭގެ ސަބަބުން އާއްމުންގެ ސިއްޚަތަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ވެސް ޖަޕާނުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ. ނަމަވެސް، ފުކުޝިމާގެ ނިއުކްލިއާ ޕްލާންޓް ކައިރީ ދިރިއުޅޭ 3000 އަށް ވުރެ ގިނަ މީހުން އަދިވެސް ތިބީ ހާސްކަންމަތީ އެވެ.

މިދިޔަ މަހުގެ ނިއުޒިލެންޑަށް އައި ބިންހެލުމަށްވުރެ 8000 ގުނަ ބާރުމިނުގައި އިއްޔެ ޖަޕާނަށް އައި ބިންހެލުމުގައި އުފެދުނު ސުނާމީގައި ޖަޕާނުގެ ގިނަ ހިސާބުތަކެއް ސުއްނާފަތިވެފައިވާއިރު، ޕެސިފިކް ކަނޑުގެ ގިނަ ގައުމުތަކަށް ވެސް ސުނާމީގެ އިންޒާރު ނެރެފައި ވެއެވެ. މިހާތަނަށް ޚަބަރު ލިބޭ ގޮތުގައި އެމެރިކާގެ ސްޓޭޓް ހަވާއީގެ ކޯސްޓަލް އޭރިއާތަކަށް ދެ މީޓަރުގެ އުސް ރާޅު އަރައިފައިވާއިރު، އެމެރިކާގެ ވެރިރަށް ވޮޝިންޓަންއާއި، އޮރެގަން ސްޓޭޓް އަދި ކެލިފޯނިއާގެ މޫދާ ކައިރި ސަރަހައްދުތަކުން މީހުން ދުރަށް ދިޔުމަށް އެމެރިކާ ސަރުކާރުން ވަނީ ގޮވައިލައިފަ އެވެ.

ގަޑިއަކު 800 ކިލޯމީޓަރަށް ދަތުރުކޮށްފައި ދިޔަ ކަމަށް ބެލެވޭ ސުނާމީގެ އަސަރު އިންޑޮނޭޝިޔާގެ އިތުރުން ތައިވާނަށް ވެސް ވަނީ ކޮށްފަ އެވެ. ނަމަވެސް، އެ ހިސާބުތަކުން ހީކުރިވަރުގެ ބޮޑު ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ރެސްކިއު އޮޕަރޭޝަން މިހާރު ފަށައިފައިވާއިރު ޖަޕާނަށް ލިބުނު ގެއްލުން އަންދާޒާކުރެވޭ ވަރަށްވުރެ ވެސް ބޮޑު ކަމަށް ސަރުކާރުން ބުނެ އެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި، ޖަޕާނުގެ އިގުތިސާދަށް ބޮޑު ހީނަރުކަމެއް އައިސްފައިވާއިރު، ހަލަބޮލި ޓޯކިޔޯ ވަނީ މުޅިން ހުއްޓުމަކަށް އައިސްފަ އެވެ. ކުނިބުނިތަކުގެ ތެރެއިން މީހުން ހޯދުމަށް ރެސްކިއު ޓީމުތަކުން އަތްފުނާއަޅަމުންދާއިރު ޖަޕާނުގެ ސުނާމީގައި ގެއްލުނު 100 މީހުން ގޮވައިގެން ދަތުރުކުރި ބޯޓަށް ވީނުވީއެއް އަދިވެސް ނޭގެ އެވެ. މީގެ އިތުރުން ހަތަރު ރޭލެއް ގެއްލިފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ބިންހެލުމާއި ސުނާމީގައި ނުރައްކާތެރި އަލިފާނުގެ ހާދިސާތައް އެކިހިސާބުތަކުގައި ހިނގައިވާއިރު ޖަޕާނުގެ އިޗިހާރާގައި ހުރި ތެޔޮ ކާރުހާނާއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ އެތައް ގަޑިއިރުތަކެއް ފަހުންނެވެ. މީގެ އިތުރުން ސެންޑާއީގެ ޕެޓްރޯކެމިލަކް ފެކްޓަރީއެއްގައި ވެސް ވަނީ ރޯވެ، އަނދާ ހުލިވެފަ އެވެ.

ބިންހެލުމުގައި ހަތަރު މިލިއަނަށްވުރެ ގިނަ ގެއިން ކަރަންޓު ކަނޑައިގެންގޮސްފައިވާއިރު، ތިން ލައްކައަށް ވުރެ ގިނަ ގެއިން ގޭހުގެ ޚިދުމަތްވެސް ވަނީ ކެނޑިފަ އެވެ. އަދި ފިހާރަތަކުން ކާބޯތަކެތި ހުސްވުމާ ކައިރިވެފައިވާއިރު، ކާބޯތަކެތި ހޯދުމަށް ބައެއް ހިސާބުތަކުގައި ދަތިކަމަށް ވެއެވެ.
މީގެ އިތުރުން ބިންހެލުމުގައި މަގުތައް ބަންދުވެ، ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޖަޕާނުގެ ޓްރާންސްޕޯޓް ސިސްޓަމް ވަނީ ވެސް ބުރަކި ޖެހިފައެވެ. އެކަމުގެ ސަބަބުން އެތައް މިލިއަން ބަޔަކު ގެޔަށް ނުދެވި، މަގުތަކުގައި ތާށިވެފައިވާއިރު، ރެސްކިއު ޓީމުތަކުގެ މަސައްކަތަށް ވެސް ވަނީ ހުރަސްއެޅިފަ އެވެ. ޖަޕާނަށް އެހީވުމަށް ބޭރުގެ ގައުމުތަކުން ވެސް ވަނީ މިހާރު ރެސްކިއު ޓީމުތައް ފޮނުވައިފަ އެވެ.

މިދިޔަ އަހަރު 200،000 މީހުން މަރުވެގެންދިޔަ ހެއިޓީގެ ބިންހެލުމާއި،2008 ވަނަ އަހަރު 80،000 އަށް ވުރެ ގިނަ މީހުން މަރުވެގެންދިޔަ ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ބިން ބިންހެލުމަށްވުރެ ވެސް ޖަޕާނަށް އިއްޔެ އައި ބިން ހެލުން ވަރުގަދަ އެވެ. ނަމަވެސް، ޖަޕާން އޮންނަނީ ބިންހެލުން ގިނަ ނާޒުކު ސަރަހައްދެއްގައި ކަމަށްވާތީ، ބިންހެލުން ފަދަ ކާރިސާތަކަށް އެގައުމުގެ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުވުމާއި، ބިންހެލުމުގެ އަސަރުކުޑަވާނެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޖަޕާނުގެ އިމާރާތްތައް ޑިޒައިންކޮށްފައިވުމަކީ މަރުވި މީހުންގެ އަދަދު މަދުވި މައިގަނޑު ސަބަބުކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ.

މަރުވިމީހުންގެ އަދަދު މަދުވި ނަމަވެސް، މި ބިންހެލުމުގެ ސަބަބުން ޖަޕާނުގެ އެތައް މިލިއަން ބަޔެއްގެ ދިރިއުޅުމަށް ވަނީ ނޭދެވޭ އަސަރުކޮށްފަ އެވެ. ސުއްނާފަތިވެފައިވާ އިރުއުތުރު އައްސޭރިފަށުގެ ސަރަހައްދުތައް އަލުން ތަރައްގީކުރުމަށް އަހަރުތަކެއް ނަގާނެ އެވެ. ހާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރަމުންދާއިރު، ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔެއްގެ ދިރިއުޅުން އާރާސްތުކުރާނެ މަގުފަހިކޮށްދޭން ވަނީ ޖެހިފަ އެވެ.

ދުނިޔޭގެ ތަފާތު ގައުމުތަކަށް ކުރިމަތިވި ކާރިސާތަކުގައި އެގައުމުތަކަށް އެހީވުމުގައި އިސްނަގައި ޖަޕާނަށް މިއަދުވަނީ އެހީ ބޭނުންވެފަ އެވެ.