08 Aug 2015, 17:41
ލ. ފޮނަދޫގައި މިއަދު ގެއެއްގެ ފުރާޅުމަތިން ވެއްޓުނު މީހާ ނިޔާވެއްޖެ އެވެ.
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ މީޑިއާ ކޯޑިނޭޓަރު ޒީނަތު ޢަލީ ހަބީބު ވިދާޅުވީ އޭނާ އެ ހޮސްޕިޓަލަށް ގެނައި އިރު ވެސް އޮތީ ނިޔާވެފައި ކަމަށެވެ.
"...ހޮސްޕިޓަލަށް ގެނައި އިރު ވެސް ނިޔާވެފައި އޮތީ، ބޮޑަށް ބެލެވެނީ މަތިންދާބޯޓްގައި ނިޔާވީ ކަމަށް. އޭނާ ނިޔާވެފައި ވަނީ ސިކުނޑިއަށް ލިބުނު ގެއްލުމެއްގެ ސަބަބުން،" ޒީނަތު ވިދާޅުވިއެވެ.
ނިޔާވީ ލ. ކައްދޫ ވަޑާންގޭގައި މަސައްކަތް ކުރާ ސާދީ އަބްދުﷲ ނަމަކަށް ކިޔާ އުމުރުން 60 އަހަރުގެ މީހެކެވެ.
ލ. އަތޮޅުގައި ހުންނަ ސަންގެ ކަރެސްޕޮންޑެންޓް ޢަލީ ވާފިރު ކުރިން ބުނީ ފުނަދޫ ގެއެއްގެ ފުރާޅު މައްޗަށް އަރައި ހުރި އުމުރުން 60 އަހަރުގެ މީހާ ވެއްޓި ބޮލަށް ލިބުނު އަނިޔާތަކެއްގެ ސަބަބުން އޭނާގެ ހާލަތު ނާޒުކު ކަމަށެވެ. އަދި ލ.ގަމު ރީޖަނަލް ހޮސްޕިޓަލަށް އޭނާ ގެންދިޔަ އިރު އޭނާގެ ހާލަތު ނާޒުކު ކަމުން އޭނާ މާލެއަށް ފޮނުވާލާފައިވާ ކަމަށް ވާފިރު އޭރު ބުންޏެވެ.