ދުނިޔޭގެ ބާޒާރުގައި ތެލަށް އައި ބަދަލާ އެކު މުދަލު ޒަކާތުގެ ނިޞާބު 4557.70 ރުފިޔާއަށް ދަށްކޮށްފި އެވެ.

މީގެ ކުރިން ޒަކާތުގެ ނިޞާބު ހުރީ 5000 ރުފިޔާއަށް ވުރެ މަތީގަ އެވެ. އިސްލާމިކް މިނިސްޓްރީ އިން ވަނީ މިމަހު 3 ވަނަ ދުވަހުން ފެށިގެން ޒަކާތުގެ ނިޞާބު 4557.70 ބަދަލުވެފައިވާތީ އެ އަދަދު ހަމަވެފައިވާތާ އެއް އަހަރުވުމުން އެއަދަދުގެ 40 ބައި ކުޅަ އެއްބައި ޒަކާތުގެ ގޮތުގައި ދެއްކުމަށް އިއުލާންކޮށްފަ އެވެ.

އިސްލާމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އައްޝެއިހް އިބްރާހިމް އަހުމަދު މިއަދު ވިދާޅުވީ ޒަކާތުގެ ނިޞާބު ދަށަށް ގޮސްފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުން ރަނާއި ރިހީގެ އަގު ދަށަށް ގޮސްފައިވާތީ ކަމަށެވެ.

"ރަނާއި ރިއްސުގެ އަގަށް އަންނަ އަގުން ގުރާމުގެ އަގުން މިއިންނަނީ ޒަކާތުގެ ނިޞާބު ހަމަވާ މިންވަރު ބަލާފައި." ޝެއިހް އިބްރާހިމް ވިދާޅުވި އެވެ.

ޝެއިހް އިބްރާހިމް ވިދާޅުވީ ޒަކާތުގެ ނިޞާބު ދަށް ކުރެވުމާ އެކު ޒަކާތް ލިބޭ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ.

މުދަލު ޒަކާތް ދައްކާ ފައިސާ، ފިތުރު ޒަކާތާ އެކު އެކުލަވާލައި ފަގީރުންގެ ލިސްޓަށް އެއްބައި އަދި އެހެނިހެން ކަންކަމަށް އިތުރުބައިތައް ކަނޑައެޅި ބަހަ އެވެ.