08 Aug 2015, 15:13
މަސްޖިދުލް ސުލްތޯން މުހަންމަދު ތަކުރުފާނުލް އައުޒަމަށް ނަމާދަށްދާ މީހުންނާއި އެކިއެކި ބޭނުންތަކުގައި އިސްލާމީ މަރުކަޒަށްދާ މީހުން އަމީރު އަހުމަދު މަގުގައި ހުންނަ އިސްލާމީ މަރުކަޒުގެ ގޭޓު ބޭނުން ކުރުމަށް އިސްލާމިކް މިނިސްޓުރީން އަންގައިފި އެވެ.
އިސްލާމިކް މިނިސްޓުރީގެ ޑެޕިއުޓީ މިނިސްޓަރު މުސްތަފާ އިބްރާހިމް މިއަދު "ސަން" އަށް ވިދާޅުވީ އަމީރު އަހުމަދުމަގާވީ ފަޅި ބޭނުން ކުރުމަށް އެންގީ އިސްލާމީ މަރުކަޒުގެ ބޭރުގައި ތަޅުން އަޅާ މާބުލް ޖަހަމުން ދާތީ ކަމަށެވެ.
"ދެން އެހެންވީމާ ކޮންމެވެސް ކަހަލަ އުނދަގުލެއް ކުރިމަތިވެދާނެ މިސްކިތަށް ވަޑައިގަންނަވާ ފަރާތްތަކަށް ނޫނީ އިސްލާމިކް މިނިސްޓްރީ އަށް ވަޑައިގަންނަވާ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކަކާ ކުރިމަތިލާން ޖެހިދާނެ، އަޅުގަނޑުމެން ހަދަމުން މިދާ ހިސާބަކުން މަރުކަޒަށް ވަންނަން ދިމާކޮށްފިއްޔާ. އެހެންވީމާ އަޅުގަނޑުމެން މި އިލްތިމާސް މި ކުރަނީ އަމީރު އަހުމަދާވީ ގޭޓުން ވަންނަން،" މުސްތަފާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދުން ފަށައިގެން އެގޮތަށް އަމަލު ކޮށްދިނުމަށް އާންމު ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ.
"އެއީ ހަމަ އެކަނި އަޅުގަނޑުމެން މިހާރު ކުރަމުން މިދާ މަސައްކަތް ނިމެންދެން. ދެން އަނެއްކާ މިހާރު މަސައްކަތް ކުރަމުން މިދާ ފަޅި ނިމުނީމާ އަނެއް ފަޅީގެ މަސައްކަތް އަޅުގަނޑުމެން ފަށާނީ. އޭރުން އަނެއްކާ އޯކިޑު މަގުން އަންނަ ފަރާތްތަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް ކުރިމަތި ވެދާނެ. މިހާރު ހުރިހާ ފަޅިއެއް ބަންދު ކުރަން ޖެހުނީމަ އާންމު ރައްޔިތުންނަށް ވަރަށް އުނދަގޫތަކާ ކުރިމަތިވާނެއް ނޫންތޯ." މުސްތަފާ ވިދާޅުވި އެވެ.
އިސްލާމީ މަރުކަޒުގެ ބޭރުގައި ނަމާދު ކުރާ ސަރަހައްދު ބޮޑު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށާފައި ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ. ހަމައެއާ އެކު އިސްލާމީ މަރުކަޒުގެ ހަރިންމަ ބޮޑުކުރުމުގެ ގޮތުން އެ މިސްކިތުގެ ތެރެއަށް ވަދެގެންދާނެ ދެ މަގެއްގައި ދުއްވާ އެއްޗިއްސަށް ނުދުއްވޭ ގޮތަށް ބަންދު ވެސް ވަނީ ކޮށްފަ އެވެ.
ދުއްވާ އެއްޗެހި ދުއްވުން މަނާ ކުރަނީ، އިސްލާމީ މަރުކަޒާ އިންވެގެން އޮންނަ މެދުޒިޔާރަތް މަގުގައި ތަޅުން އެޅުމަށް ނިންމާފައިވާ ސަރަހައްދުގަ އެވެ. އެއީ ޖުމްހޫރީ ބިނާ ހުންނަ ސަރަހައްދުން ފެށިގެން އިރުން ހުޅަނގަށް ޗާންދަނީމަގާ ގުޅޭ ސަރަހައްދެވެ. އަދި އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާނާ ދެމެދުގައި އޮންނަ އަމީރު އަހުމަދު މަގުގެ ބައެއްގައި ދުއްވާ އެއްޗެހި ދުއްވުން ވަނީ މަނާކޮށްފަ އެވެ.
އެމަގުތައް ބަންދުކޮށް ޗާންދަނީ މަގުގެ ބަޔަކާއި ލިލީމަގު ބައެއްގައި ދެކޮޅަށް ދުއްވޭ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.