08 Aug 2015, 15:08
ވޮޝިންޓަން (އޮގަސްޓް 8): އަނިޔާވެރިކަމަށް ނަންމަޝްހޫރު އެމެރިކާގެ ގުއަންޓަނާމޯ ޖަލުގައިވާ މުސްލިމް އަސީރުންގެ ތެރެއިން ދެބައިކުޅަ އެއްބައިމީހުންނާ ހަވާލުވާނެ ގައުމުތައް ވެއްޖެކަން އެމެރިކާއިން ހާމަކޮށްފިއެވެ.
އެމެރިކާގެ ޚާރިޖިއްޔާގެ މަސްއޫލުވެރިން ވިދާޅުވީ، ގުއަންޓަނާމޯ ޖަލުގައި މިހާރު ހައްޔަރުކޮށްފައިތިބީ ޖުމްލަ 52 މީހުންކަމަށާއި އޭގެތެރެއިން 25 މީހުންނާ ހަވާލުވާނެކަމުގެ ޔަގީންކަން 12 ގައުމަކުން ދީފައިވާ ކަމުގައެވެ. މިގައުމުތަކުގެ ނަންތައް އެމެރިކާގެ މަސްއޫލުވެރިން ހާމައެއްނުކުރައްވައެވެ.
ރިޕޯޓްތައް ބުނާގޮތުން ގުއަންޓަނާމޯ ޖަލުގައި ޝަރީއަތަކާނުލައި ހައްޔަރުކޮށްފައިވާ މުސްލިމް ގައިދީން ހަވާލުކުރުމަށް 12 ގައުމަކާއެކު އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންއިންވަނީ މަޝްވަރާތައްކޮށް އެއްބަސްވުންތަކެއްގެ ދެލިކޮޕީތަކެއް އެކުލަވާލާފައެވެ. އަދި މިއެއްބަސްވުންތަކުގެ ދެލިކޮޕީތަކުގައި އެގައުމުތަކާއެކު އެމެރިކާ ސަރުކާރުން ވަރަށް އަވަހަށް ސޮއިކުރާނެއެވެ. މި އެއްބަސްވުންތަކުގެ ދަށުން ހަވާލުކުރެވޭ މުސްލިމް ގައިދީންނާމެދު އަމަލުކުރުމަށް އެމެރިކާ ނިންމާފައިވާގޮތް އެނގިފައެއް ނުވެއެވެ.
ގުއަންޓެނާމޯ ޖަލަކީ އެމެރިކާގެ ކުރީގެ ހަރުކަށި ރައީސެއްކަމަށްވާ ޖޯޖްޑަބްލިޔުބުޝްގެ ވެރިކަމުގައި އެމެރިކާ ސަރުކާރުން މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކުގެ ތެރޭން އެންމެ ގިނަ އަނިޔާތަކާއި އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތައް ހިންގާފައިވާ ޖަލެވެ. އެޖަލުގައި ހައްޔަރުކޮށްފައިވަނީ އަފްޣާނިސްތާނާ ދެކޮޅަށް އެމެރިކާ ކުރި އުދުވާނީ ހަނގުރާމައިގާ ޓެރަރިސްޓުންކަމަށް އެމެރިކާ އަމިއްލައަށް ކަނޑައެޅުމަށްފަހު އެމެރިކާ ސިފައިންނާއި ޖާސޫސީ އެޖެންޓުން އަފްޣާނިސްތާނުން ވަގަށްނެގި މުސްލިމުންނެވެ. އޭގެތެރޭގައި ހަނގުރާމައާ އެއްވެސް ގުޅުމެއްނެތް އާންމުންވެސް ހިމެނޭކަން ފަހުންވަނީ ހާމަވެފައެވެ.
ގުއަންޓަނާމޯ ޖަލުގައި އެމެރިކާއިން މުސްލިމުން ހައްޔަރުކޮށްފައިވަނީ އިންސާނީ ހައްގުތަކުގެ ބައިނަލްއަގްވާމީ މިންގަނޑުތަކާ ޚިލާފަށް އެއްވެސް ތަހްގީގަކާ އަދި ޝަރީއަތަކާނުލައެވެ. މިގޮތަށް ހައްޔަރުކުރިމީހުންގެ ކިބައިން އެމެރިކާ ބޭނުންވާ އިޢްތިރާފްތައް ހޯދުމަށްޓަކައި ދެވަނަ ބޮޑުހަނގުރާމައިގާ ނާޒީ ޖަރުމަނުގެ ސިފައިންނާއި ޖަޕާނުގެ ސިފައިން އަސީރުންނާ ދެކޮޅަށް ހިންގާފައިވާފަދަ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާފައިވެއެވެ.
މީގެތެރޭގައި އަސީރުން ފެނުގެ އަޑީގައި ގަންބައި ހިފަހައްޓައި ހާސްކުރުވުމާއި ހަށިގަނޑުގެ ނާޒުކު ގުނަވަންތަކުގައި ކަރަންޓް ޖެއްސުމާއި އެކޮޅުކޮޅުން ބޭއްވުމާއި ގަދަހޫނާއި ގަދަފިނީގައި އެތަށް އިރަކު ބޭތިއްބުމުގެ އިތުރުން ހަށިގަނޑުގެ ނާޒުކު ގުނަވަންތަކުގައި ލަޓިބުރިން ތަޅައި ވޭންދެނިވި އަނިޔާތައް ދިނުންފަދަ ލާއިންސާނީ ޖަރީމާތައް ހިމެނެއެވެ.
ގުއަންޓަނާމޯ ޖަލުގައި އެމެރިކާއިން ހައްޔަރުކުރި މުސްލިމް އެތަށް އަސީރުންނެއް މިއަނިޔާތަކުގައިވަނީ މަރުވެ ފަނާވެގެން ގޮސްފައެވެ.
ގުއަންޓަނާމޯ ޖަލުގެ އިތުރުން ޖޯޖްޑަބްލިޔު ބުޝްގެ ވެރިކަމުގައި ޔޫރަޕްގެ ބައެއް ގައުމުތަކުގައި އެމެރިކާއިން ސިއްރު ޖަލުތައް ހަދައިގެންވެސް މުސްލިމުން ވަގަށްނަގައިގެން އެޖަލުތަކުގައި ހައްޔަރުކޮށްފައިވެއެވެ. އެމެރިކާގެ މިހާރު ރައީސް ބަރަކް އޮބާމާ ވެރިކަމަށް ވަޑައިގެންނެވީ ގުއަންޓަނާމޯ ޖަލު ބަންދުކުރުމުގެ ވަޢުދުތަކާއެކުގައެވެ. ނަމަވެސް އެމެރިކާގެ ހަރުކަށި ވިސްނުމުގެ ސިޔާސީ ބޭފުޅުންގެ ފިއްތުންތަކާ ގުޅިގެން މިހާތަނަށްވެސް އެޖަލު ބަންދުކުރުމަށް އޮބާމާ ވަނީ ނުކުޅެދިފައެވެ.
ވައިޓް ހައުސް އިން އިއްޔެ ބުނެފައިވަނީ ކިތަންމެ ފިއްތުންތަކެއް ކުރިމަތިވި ނަމަވެސް އޮބާމާގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ގުއަންޓަނާމޯ ޖަލު ބަންދުކުރެއްވުމަށް އޮބާމާ ނިންމަވައިގެން ހުންނެވި ކަމުގައެވެ. (ނޫސްއެޖެންސީތައް)