ދީނީ ދަރުސްތައް ދެއްވުމަށް އިނގިރޭސި ވިލާތުގެ ޢިލްމުވެރިއެއްކަމަށްވާ ޑރ. އަޙްސަން ޙަނީފް ރާއްޖެއަށް ގެންނަން ހަމަޖެހިފައިވާކަމަށް ޖަމިއްޔަތުއް ސަލަފުން މިއަދު ބުނެފިއެވެ.

އެޖަމިއްޔާއިން ބުނީ ޑރ. އަޙްސަން ޙަނީފްގެ ތަފާތު އެކިއެކި ދީނީ ދަޢުވަތުތައް މި މަހުގެ 14 އިން 17 އަށް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ޢާއްމުންނަށް ހުޅުވާލައިގެން ބާއްވާ ބޮޑު ދަރުސެއް މިއަންނަ ހޮނިހިރު ދުވަހު ކާނިވާ ސްޓޭޖުގައި އޮންނާނެ ކަމަށް އެޖަމިއްޔާއިން ބުންޏެވެ. އޭގެ އިތުރުން ބައެއް ސްކޫލްތަކުގެ ދަރިވަރުންނަށް ތަފާތު ޢިލްމީ ސެޝަންތައް ނަންގަވައި ދެއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުންޏެވެ.

ޢުމުރުފުޅުން އެންމެ 13 އަހަރުގައި ޤުރްއާން ހިތުދަސްކޮށްފައިވާ ޑރ. އަޙްސަން ޙަނީފް އަކީ އިނގިރޭސިވިލާތުގައި ހުންނަ އަލްމަޣްރިބް އިންސްޓިޓިއުޓްގެ ޤުރުއާން އާއި ޙަދީޘް ޑިޕާޓްމަންޓުގެ އިސްވެރިޔާއެވެ. އަޙްސަން ވަނީ މަދީނާ ޔުނިވަރސިޓީގައި އިސްލާމީ ޝަރީޢާއިން ފުރަތަމަ ޑިގްރީ ހާސިލު ކުރައްވާފައެވެ.

ޑރ. އަޙްސަން ޙަނީފަކީ އައްޝައިޚް ޢަބްދުލް މުޙްސިން އަލް ޢައްބާދު އާއި އައްޝައިޚް މުޙައްމަދު ބިން މުޙައްމަދު މުޚްތާރު އަލް ޝަންގީތީގެ ދަރިވަރެކެވެ.

މަޝްހޫރު ބާރމިންހަމް ޔުނިވަރސިޓީ ގައި އިސްލާމިކް ލޯ އިން ޕީއެޗްޑީ ނަންގަވާފައިވާ ޑރ. އަޙްސަން ޙަނީފް އަކީ ދީނީ ދަޢުވަތު ދެއްވުމުގައި އިނގިރޭސިވިލާތުގައި އެންމެ ބޮޑަށް ހަރަކާތްތެރިވެވަޑައިގަންނަވާ ބޭފުޅެކެވެ.