އެގާރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމު ލޮލުގެ ބައްޔަކަށް އައިކެއާ ކްލިނިކުން ފަރުވާ ދީފި އެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި ކާނަލް ނާޒިމް ވަނީ ދެ ފަހަރެއްގެ މަތީން ލޮލުގެ ބައްޔަކަށް ފަރުވާދީފައެވެ.

"ސަން" އަށް އެނގިފައިވާ ގޮތުގައި ކާނަލް ނާޒިމް ޑޮކްޓަރަށް ދެއްކުމަށް އައިކެއާ އަށް ގެނެސްފައި ވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ.

ނާޒިމަށް ވަނީ މީގެ ކުރިން އޭޑީކޭ ހޮސްޕިޓަލުން ދަތުގެ ފަރުވާ ވެސް ދީފައެވެ. އަދި ދާދިފަހަން ވަނީ ސިންގަޕޫރުން ވެސް ފަރުވާދީފައެވެ.

ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހު އެވެ.

އޭނާގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތުވުމުންނެވެ.