19:00


ސައްހަ ނޫން ކްރެޑިޓް ކާޑުތަކެއް ބޭނުންކޮށްގެން 1.1 މިލިއަން ރުފިޔާގެ ވަގު ވިޔަފާރިކުރި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފި އެވެ


ފުލުހުންގެ މައި މަރުކަޒުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ފަޒީން މިއަދު ވިދާޅުވީ އެ ކާޑުތައް ބޭނުންކޮށްގެން ބައެއް ފިހާރަތަކުން ފަސް ލައްކަ އާއި ދެ ލައްކަ ރުފިޔާގެ ޓްރާންސެކްޝަން ހަދާފައިވާ ކަމަށެވެ. އަދި އެ ކާޑުތަކަކީ ބިދޭސީންގެ ބަޔަކަށް ނިސްބަތްވާ ކާޑުތަކެއް ކަމަށާއި، އެ ކާޑުތައް ހައްދާފައިވާ ކަމަށް ބެލެވެނީ، މެޝިނެއް ބޭނުންކޮށްގެން އެ ކާޑުތަކުގެ ވެރިފަރާތުގެ މައުލޫމާތު ނަގައިގެން އެ މައުލޫމާތުތައް ބޭރު ގައުމަކަށް ފޮނުވައިގެން ކަމަށް ވެސް ފަޒީން ވިދާޅުވި އެވެ. އަދި މިފަދަ ކާޑުތައް ބޭނުންކޮށްގެން ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތައް ކޮށްފައި ވަނީ މި އަހަރުގެ ޖެނުއަރީން ފެށިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފަޒީން ވިދާޅުވީ އެކި ފަހަރު މަތިން، އެކި ފިހާރަތަކުން، ވަރަށް ބޮޑެތި ޓްރާންސެކްޝަން އެމީހުން ހަދާފައިވާ ކަމަށެވެ.