ސްރީ ލަންކާގައި މީގެ ފަސް އަހަރު ކުރިން ގެއްލިފައިވާ ނޫސްވެރިއެއް ކަމަށްވާ ޕްރަގީތު އެކްނޮލިގޮޑާ ގެއްލުނު މައްސަލާގައި ލަންކާގައި ވަކިވެގަތުމަށް މަސައްކަތްކުރި ލިބަރޭޝަން ޓައިގާސް އޮފް ޓަމިލް އީލަމް (އެލްޓީޓީއީ) ނުވަތަ ތަމަޅަ ޓައިގަރުންގެ ކުރީގެ ދެ މީހަކު ސްރީލަންކާގެ ސީއައިޑީން ހައްޔަރުކޮށްފި އެވެ.

އޭނާ ގެއްލުނު މައްސަލާގައި ހައްޔަރުކުރި ދެމީހުން ސްރީ ލަންކާގެ ކޯޓަކަށް ހާޒިރުކުރުމުން އެ ކޯޓުން ވަނީ ބަންދުގައި ބަހައްޓައިގެން އެމީހުންނާ ސުވާލުކުރުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ޖަހައިދީފަ އެވެ.

ލަންކާ އީނިއުސް އަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ސަރުކާރުގައި ހިނގަމުންދިޔަ އިންސާނީ ހައްގުތަކާ ގުޅޭ ގިނަ މައްސަލަތަކެއް ރިޕޯޓްކުރަމުން ދިޔަ ޕްރަގީތު ގެއްލިފައި ވަނީ، 2010 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުގެ ދެ ދުވަސްކުރިން، އޭނާގެ ގާތް ރައްޓިއްސަކާ ބައްދަލުކުރަން އޮފީހުން ނުކުތް ފަހުންނެވެ.

ޕޮލިޓިކަލް ކޮލަމިސްޓް އަދި ކާޓޫނިސް ޕްރަގީތު ގެއްލުނު މައްސަލައިގާ އޭނާގެ އަންހެނުން މީގެ ކުރިން ބީބީސީ ސިންހަލައަށް ބުނެފައި ވަނީ، އޭނާ ގެއްލިފައި ވަނީ ތަމަޅަ ޓައިގަރުންނާ ދެކޮޅަށް އޭރުގެ ސަރުކާރުން ކެމިކަލް ހަތިޔާރު ބޭނުންކުރާ ކަމަށް ކުރެވޭ ތުހުމަތަކާ ގުޅިގެން އޭނާ ހިންގި ތަހުގީގެއްގެ މައްޗަށް ބިނާކޮށް ޝާއިރުކުރި ލިޔުމެއްގެ ސަބަބުން ކަމަށެވެ.

ޕްރަގީތުއާ ގުޅޭ މައުލޫމާތެއް ހޯދުމަށް އޭނާގެ އަންހެނުން ގިނަ ޕޮލިސް ސްޓޭޝަންތަކަށާއި ޖެނީވާގައި ހުންނަ އދ. އަށް ވެސް ގޮސްފައިވާ އިރު، މިއަދާ ހަމައަށް ވެސް އޭނާއާ ގުޅޭ މައުލޫމާތެއް ލިބިފައެއްނުވެ އެވެ.

ނަމަވެސް، ޕްރަގީޓު ގެއްލުނު މައްސަލާގައި އެމްނެސްޓީ ފަދަ ބައެއް އެކްޓިވިސްޓު ގްރޫޕްތަކުން ތުހުމަތުގެ އިނގިލި ދިއްކުރަނީ ލަންކާ ކުރީގެ ސަރުކާރަށެވެ. އަދި އެކަން ސަރުކާރުން ދޮގު ކުރެ އެވެ.

މައުލޫމާތު: ލަންކާގެ ނޫސްތައް