މިމަހު 15ގައި ފެށުމަށް ހަމަޖެހިފައިވާ "މިނިވަން 50 ޗެމްޕިއަންޝިޕް" އަތޮޅު ފުޓްބޯޅަ މުބާރާތް ރަސްމީކޮށް ލޯންޗު ކުރުން މިރޭ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އެފްއޭމްއިން ބުނީ އޮލިމްޕަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތު ފެށޭނީ މިރޭ 8:45 ގައި ކަމަށެވެ. މިރޭގެ ރަސްމިއްޔާތު ޓީވީއެމްްއިން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރަތަކީ މީގެ އަހަރު ތަކެއް ކުރިން އެފްއޭއެމްއިން ބާއްވަމުން ގެންދިޔަ އަތޮޅު ފުޓްބޯޅަ މުބާރާތާއި މަލޭގައި ބާއްވަމުން ދިޔަ ޒޯން ފުޓްބޯޅަ މުބާރާތް ރީބްރޭންޑް ކުރުމަށްފަހު ހޯމް އެންޑް އަވޭ އުސޫލުން ބާއްވާ ފުޓްބޯޅަ މުބާރާތެކެވެ. މުބާރާތުގެ އިންތިޒާމް ކޮމިޓީގެ ޗެއާމަން އާދަމް މުޙައްމަދު ކުރިން ވިދާޅުވީ، މުބާރާތް ބޭއްވޭނީ ހުރިހާ އަތޮޅު ތަކެއްގެ މެދުގައި ތިން ބުރަކަށް ބަހާލެވިގެންކަމަށާއި ފުރަތަމަ ރައުންޑުން އެއްވަނައަށް ދާ ހުރިހާ ޓީމްތައް ދެ ވަނަ ބުރަކަށް ގޮސް ދެ ވަނަ ބުރުގައި ޒޯންތަކުގެ ޓީމްތަކުގައި ކުޅެ ތިން ވަނަ ރައުންޑުން މޮޅުވާ ޓީމްތައް ސެމީފައިނަލަށް ދާގޮތަށް ކަމަށެވެ.

ތިން ވަނަ ރައުންޑްގެ މެޗްތައް ކުޅުދުއްފުއްޓާއި އައްޑޫ ސީޓިގައި ކުޅެން ހަމަޖެހިފައިވާއިރު، ސެމީ ފައިނަލް މެޗާއި ފައިނަލް މެޗް މިއަހަރު ކުޅޭނީ އައްޑޫ ސިޓީގެ ހިތަދޫ ޒޯން ސްޓޭޑިއަމްގައެވެ.

މިނިވަން 50 ޗެމްޕިއަންޝިޕް މުބާރާތުގެ ޗެމްޕިއންކަން ހޯދާ ޓީމް ކޮލިފައިވާނީ 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓް ކަޕް ފުޓްބޯޅަ މުބާރާތަށެވެ. މިއަހަރުގެ މުބާރާތުގައި 78 ރަށްކުން ވަނީ ބައިވެރިވެފައެވެ.