ޔަންގޫން، މިޔަންމާ، އޭޕީ) މިޔަންމާގެ އިންސާނީ ހައްގުތަކުގެ ހާލަތު ބެލުމަށް ޔުނައިޓެޑް ނޭޝަންސް ( ޔޫއެން) އިން އެގައުމަށް ފޮނުވި މަންދޫބު ރޯހިންޔާ މުސްލިމުންނާ ބައްދަލުކުރުން އެގައުމުގެ ސަރުކާރުން މަނާކޮށްފި އެވެ.

ޔޫއެއިންގެ މަންދޫބު ޔަންޣީ ލީ މިޔަންމާއަށް ވަޑައިގެންނެވީ އެގައުމުގައި އަންނަ ނޮވެމްބަރު މަހު ބާއްވާ އާއްމު އިންތިހާބުގެ ކުރިން އެގައުމުގެ އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮތް ބެލުމަށެވެ.

ނަމަވެސް ލީ ހުކުރު ދުވަހު ވިދާޅުވީ (ތަންތަނަށް) ދިއުން މަނާކުރުމާއި ހުރަސްއެޅުންތަކުގެ ސަބަބުން އޭނާގެ މަސްއޫލިއްޔަތު އޭނާ އަށް އަދާ ނުކުރެއްވުނު ކަމަށެވެ.

މިޔަންމާގެ ހާލަތު ބަލާ މަންދޫބުކަމުގެ މަގާމު ލީއަށް މީގެ އަހަރެއް ކުރިން ހަވާލުވި ފަހުން މިއީ އޭނާ އެގައުމަށް ކުރެއްވި ތިން ވަނަ ޒިޔާރަތެވެ. އޭނާއަށް އެގައުމުން ކުރިމަތިވާ ގޮންޖެހުންތައް ކޮންމެ ދަތުރުފުޅަކާ އެކު އަންނަނީ އިތުރުވަމުންނެވެ. މިޔަންމާ ސަރުކާރުން އޭނާއަށް ހުރަސްއަޅަން ފެށީ ހާލުގައި ޖެހިފައިވާ ރޯހިންޔާ ދަރިކޮޅުގެ 1.3 މިލިޔަން މުސްލިމުންގެ ވާހަކަ ދައްކަވަން ފެއްޓެވުމުންނެވެ.