08 Aug 2015, 14:43
މެރިން ރިސޯސަސް އާ ބެހޭ ގޮތުން މައުލޫމާތު ހޯދައި އުފާވެރި މާހައުލެއްގައި މީހުން ހޭލުންތެރި ކުރުމުގެ ގޮތުން އއ. އުކުޅަހުގައި "މޫދު މާކަނޑު"ގެ ނަމުގައި ފެސްޓިވަލެއް ފަށައިފި އެވެ.
އިންޓަނޭޝަނަލް ޔޫނިއަން ފޮ ކޮންޒަވޭޝަން އޮފް މޯލްޑިވްސް (އައިޔޫސީއެން) މެރީން ޕްރޮޖެކްޓްގެ ފަރާތުން ހިންގާ "ރީޖެނެރޭޓް" ޕްރޮޖެކްޓުގެ ދަށުން އުކުޅަހުގައި މިއަދު ފެށި މޫދު މާކަނޑު ފެސްޓިވަލް މިއަދުގެ ނިޔަލަށް އެރަށުގައި ކުރިއަށްދާނެ އެވެ.
އަރި އަތޮޅުގެ ރަށްތަކުގެ ސްކޫލު ކުދިންނާއި ޓީޗަރުން އަދި ބެލެނިވެރިންނަށް އަަމާޒުކޮށްގެން މިހާރު ކުރިއަށްދާ ފެސްޓިވަލުގެ ބޭނުމަކީ މަޖާ އަދި އިތުރު ހަރަކާތްތަކެއް މެދުވެރިކޮށް މޫދާއި ތިމާވެއްޓާ ބެހޭ ގޮތުން އެފަރާތްތަށް ހޭލުންތެރި ކުރުވުން ކަމަށް އައިޔޫސީއެން އިން ބުންޏެވެ.
ދެވަނަ ފަހަރަށް ބާއްވާ އެ ފެސްޓިވަލް އަކީ އއ. އަތޮޅަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ފެސްޓިވަލެކެވެ. މިދިޔަ އަހަރު އޭގެ ފުރަތަމަ ފެސްޓިވަލް އއ. މަތިވެރީގައި ބާއްވާފައިވާ އިރު އއ. އަތޮޅުގައި އެ ފެސްޓިވަލް ކުރިއަށް ގެންދަން އައިޔޫސީއެން އިން ހަމަޖައްސާފައި ވަނީ އެ އަތޮޅަކީ "ޑެމޮންސްޓްރޭޝަން" އަތޮޅެއްގެ ގޮތުގައި ކަމަށްވާތީ އެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން އެ ފެސްޓިވަލް އިންތިޒާމުކޮށް ހިންގާ ފަރާތްތަކުން ބުނެފައި ވަނީ މިއަދުގެ ފެސްޓިވަލްގައި އެ އަތޮޅުގެ ހަތަރު ސްކޫލަކުން ބައިވެރިވެފައިވާ ކަމަށެވެ.
students of Alif Alif atoll contributing to the festival mural.#mmkf15pic.twitter.com/OVAregMdxi
— IUCN Maldives Marine (@IUCN_Maldives)August 8, 2015
މިއަދު ކުރިއަށްދާ ފެސްޓިވަލްގައި ފެތުމާއި ސްނޯކްލިން އަދި ސްކޫބާ ޑައިވިން ކްލާސްތަކެއް ސްކޫލުގެ ދަރިވަރުންނަށް ނަގައިދޭނެ ކަމަށް އައިޔޫސީއެން އިން ބުންޏެވެ. އޭގެ އިތުރުން ގިނަ ގްރޫޕް އެކްޓިވިޓީތަކާއި ކުޅިވަރުތައް ވެސް އެ ފެސްޓިވަލްގައި ކުރިއަށްދާނެ އެވެ.
ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އއ. އަތޮޅުގައި ކުރިއަށް ގެންދާ އެ ފެސްޓިވަލް ރާއްޖޭގެ އެހެން އަތޮޅުތަކުގައި ކުރިއަށް އޮތްތަނުގައި ބާއްވާނެ ކަމަށް އައިޔޫސީއެން އިން ބުންޏެވެ.