ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލަ ރައްޔިތުންގެ މަޖިލީހުން ނުބަލަނީ ގަސްތުގައި ކަމަށާއި އެކަމަށް ސަރުކާރުގެ މެމްބަރުން އެއްވެސް ވަރަކަށް އެއްބާރުލުން ނުދޭ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ތަރުޖަމާނު އަދި މާފަނުން އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ނޫސްވެރިޔާ ރިލްވާނު ގެއްލުމުން އޭނާ ހޯދުމުގެ ނިޔަތުގައި އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށެވެ.

ނޫސްވެރިޔާ ރިލްވާނު ގެއްލިފައި ވާތީ އޭނާ ހޯދުމުގެ މަސައްކަތް ކުރުމުގެ ގޮތުން އެމްޑީޕީ އިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން ކޮމެޓީ އަކަށް އެ މައްސަލަ ހުށަހަޅާފައި އެވެ. އެހެންނަމަވެސް އެއްވެސް ކޮމެޓީ އަކުން ރިލްވާނުގެ މައްސަލަ ބަލާފައި ނުވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް އިންތި ވިދާޅުވި އެވެ.

"އެއީ ގަސްތުގައި ކުރެވޭ ކަމެއް ކަމަށް އަޅުގަނޑުމެން އެބަ ފާހަގަކުރަން ޖެހޭ. މަޖިލީހުގެ ކޮމެޓީތަކުގައި ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ސާފު އަގުލަބިއްޔަތު އޮތީ ސަރުކާރު ނިސްބަތްވާ ޕާޓީއަށްކަން. ހަމައެއާ އެކު ފާހަގަކޮށްލަން ރިލްވާނުގެ އާއިލާއާ އެކުވެރިންގެ ފަރާތުން ރާއްޖޭގެ ރައްޔިތުންގެ ވަރަށް ގިނަ ފަރާތްތައް ސޮއިކޮށް ވަނީ ޕެޓިޝަނެއް ސޮއިކޮށް މަޖިލީހަށް ހުށަހަޅާފައި. އެހެންނަމަވެސް އެ މައްސަލަ ވެސް ބަލާފައި ނުވޭ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް،" އިންތި ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިލްވާނު ގެއްލުނު ވާހަކަ މަޖިލީހުގައި އެމްޑީޕީގެ މެމްބަރަކު ދައްކަން ފަށައިފި ނަމަ ސަރުކާރަށް ނިސްބަތްވާ މެމްބަރުންގެ ފަރާތުން ލިބެމުން ދަނީ "ފަރައްސާރަ އާއި މަލާމާތުގެ" ބަސްތައް ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރު ވިދާޅުވީ ރިލްވާނުގެ މައްސަލާގައި ތަހުގީގީ އެއްވެސް އިދާރާ އަކަށް ލިބުނު ކުރިއެރުމެއް ފެނިފައި ނުވާ ކަމަށެވެ.

"މިކަމުގައި ތަހުގީގީ އިދާރާއަށް ކަމެއް ނުކުރެވުމުން ދެން މިކަމުގައި އަޅާލަން ޖެހޭ ފަރާތަކީ ރައްޔިތުންގެ މަންދޫބުން ތިބޭ ތަން ރައްޔިތުންގެ މަޖިލިސް. އެހެންވީމާ އެބޭފުޅުން ވެސް ތަހުގީގީ އިދާރާތަކަށް އިރުޝާދު ދެއްވަންވީ. މަޖިލީހުން އެބަ ޖެހޭ ތަހުގީގީ އިދާރާތަކުން ރިލްވާނުގެ މައްސަލާގައި ހޯދާފައިވާ ކުރިއެރުންތައް ދިރާސާ ކުރަން. އެ މައްސަލަ އިތުރަށް ބަލަން." އަނަސް ވިދާޅުވި އެވެ.

ރިލްވާން ގެއްލުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު އެވެ. ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ އެ ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލްއަށް ވަންނަނިކޮށެވެ.

އޭނާ ގެއްލުނު ކަމަށް ބެލެވެނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބޮލްކް ކައިރިން ރޭގަނޑު ދަންވަރުގެ ވަގުތެއްގަ އެވެ.

ނޫސްވެރިޔާ ރިލްވާނު ހޯދުމުގެ އެންމެ ފަހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން 387 މީހަކާ ސުވާލުކޮށް މަޢުލޫމާތު ހޯދައި 128 އަށް ވުރެ ގިނަ މީހުންގެ ތަޙުގީގީ ބަޔާން ނަގާފައިވާ ކަމަށެވެ.

ރިލްވާނު އުޅުނު އެޕާޓުމަންޓުގެ ވަށައިގެންވާ ފްލެޓްތަކާއި 77 އެޕާޓްމަންޓްގައި އުޅޭ ގިނަ ބައެއްގެ ފަރާތުން މަޢުލޫމާތު ހޯދައި އެއްކުރެވިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ރިލްވާނުގެ މައްސަލައާ ގުޅިގެން ހުޅުމާލޭގެ އެކި ސަރަޙައްދުތައް ހިމެނޭ ގޮތުން 79 އަށް ވުރެ ގިނަ ތަނަކުން 157 ކެމެރާ އިން 1235 ގަޑިއިރުގެ ވީޑިއޯ ފުޓޭޖް ހޯދައި އެތަކެތި ދިރާސާކުރުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ.