ޖަޕާނުގައި މިވަގުތު ތިބި ދިވެހި 24 އާއިލާގެ ތެރެއިން ދެ އާއިލާއެއް ފިޔަވާ ހުރިހާ އާއިލާ އަކާ މިހާރު ގުޅިފައި ވާކަމަށާއި އިއްޔެ ޖަޕާނަށް އައި ބާރުގަދަ ބިންހެލުމާއި ސުނާމީގައި ދިވެހި އެއްވެސް އާއިލާއަކަށް ކަމެއް ނުވާ ކަމަށް ދިވެހި ހާރިޖިއްޔާއިން މިއަދު ބުނެފި އެވެ.

ހާރިޖިއްޔާގެ ޑައިރެކްޓާ އޮފް ކޮމިއުނިކޭޝަން އިރުޝާދާ އަބްދުއްސައްތާރު މިއަދު ވިދާޅުވީ ޖަޕާނުގައި ހުންނަވައި ދިވެހި އެމްބެސެޑަރު ކުރެއްވި މަސައްކަތްޕުޅުން ދެ އާއިލާއެއް ފިޔަވައި އެހެން ހުރިހާ އާއިލާ އަކާވެސް މިހާރު ގުޅިފައިވާ ކަމަށާއި ހުރިހާ ދިވެހިންވެސް ތިބީ ހެޔޮ ހާލުގައި ކަމަށެވެ. އިރުޝާދާ ވިދާޅުވީ އެ ދެ އާއިލާ އާ ނުގުޅެނީ މުއާސަލާތު ކުރުމުގެ ދަތި ތަކެއް ހުރުމުން ކަމަށެވެ.

"އެމްބެސެޑަރު މިއަދު ހެނދުނު ވިދާޅުވި މިހާރު ހުރިހާ ދިވެހިންނާ ކަހަލަ ގޮތަކަށް ގުޅުއްވިއްޖެ ވާހަކަ. އަދި އެކަމަކު ދެ ފެމިލީ އަކާ ނުގުޅުއްވޭ ވާހަކަ ވިދާޅުވި. ލޭންޑް ލައިންއިންވެސް ދިމާނުވެގެން އުޅުއްވަނީ،" އިރުޝާދާ ވިދާޅުވި އެވެ.

ހާރިޖިއްޔާއިން ބުނީ 24 އާއިލާ އަށް ވުރެ ޖަޕާނުގައި ދިރިއުޅޭ ދިވެހިންގެ އަދަދު އިތުރުވެދާނެ ކަމަށެވެ.
ރާއްޖެ ގަޑިން އިއްޔެ ހެނދުނު 10:45 ގައި ރެކްޓަ މިންގަނޑުން 8.9 ގެ ބާރުމިނުގައި ޖަޕާނުގެ އިރު އުތުރު ސަރަޙައްދުގެ ކަނޑުގެ އައްސޭރިފަށަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން 10 މީޓަރުގެ އުސް ސުނާމީއެއް އަރައި ޖަޕާނުގެ ވެރިރަށް ޓޯކިޔޯ އަދި ޖަޕާނުގެ އިތުރު ސަރަހައްދުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.

އިއްޔެގެ ބިންހެލުމާ ގުޅިގެން ޕެސިފިކް ކަނޑަށް ޝުނާމީގެ އިންޒާރުދިނެވެ. ޖަޕާނަށް އައި ބާރުގަދަ މި ބިން ހެލުމާ ގުޅިގެން 1000 ށް ވުރެ ގިނަ މީހުން މިހާތަނަށް ވަނީ މަރުވެފައެވެ.