08 Aug 2015, 10:32
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަހުމަދު އަދީބު އަބްދުލްގަފޫރު، މޯލްޓާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ އެގައުމަށް ފުރާވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ ނައިބު ރައީސް މޯލްޓާއަށް ވަޑައިގަންނަވަނީ، މިސްރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ކަމަށެވެ.
އެމަނިކުފާނަށް ކައިރޯ އިންޓަނޭޝަނަލް އެއާޕޯޓުން އަލްވަދާއު ވިދާޅުވީ، މިސްރުގެ މިނިސްޓާ އޮފް ޓެކްނިކަލް އެޑިޔުކޭޝަން އެންޑް ޓްރެއިނިން މުހައްމަދު ޔޫސުފެވެ.
ނައިބް ރައީސް މޯލްޓާއަށް ކުރައްވާ މި ދަތުރުފުޅުގައި، މޯލްޓާގެ ރައީސާއާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމްގެ ހާއްސަ ސިޓީފުޅެއް އެކަމަނާއަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ.
It was a great Honor to witness President unveiling new Suez Canal, great achievement for Egypt & for the World Tradepic.twitter.com/rGYZlGqQDA
— Ahmed Adeeb (@Ahmed_Adeeb)August 7, 2015
ނައިބު ރައީސް މިސްރަށް ވަޑައިގެންނެވީ އެ ގައުމުގެ ދެ ވަނަ ސުއެޒް ކެނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. މިއީ އަދީބު ނާއިބު ރައީސް ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
އެ ދަތުރުފުޅުގައި ނައިބް ރައީސް ވަނީ މިސްރުގެ ގަދީމީ ތަންތަނަށާއި އިގުތިސާދާ ގުޅުންހުރި ގިނަ ތަންތަނަށް ޒިޔާރަތް ކުރައްވައިފައެވެ.