08 Aug 2015, 09:55
ލަންޑަން (އޮގަސްޓް 8) : އައިއެސް އިން ސީރިޔާގެ ޙިމްސްގެ ދެއަވަށަކަށް އަރައި އެތައް ސަތޭކަ ބަޔަކު ވަގަށްނަގައިފި އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ސީރިޔާގެ ޖަމާއަތެއް ކަމަށްވާ ސީރިޔަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސްއިން ބުނީ ސީރިޔާގެ މެދުތެރޭގެ ގަވަނޭޓެއްކަމަށްވާ ޙިމްސްގެ ދެއަވަށަކަށް އައިއެސްގެ ހަނގުރާމަވެރިން އިއްޔެ އަރައި 230 މީހުން ވަގަށްނަގާފައިވާ ކަމަށާ މީގެތެރޭގައި ގިނައަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ވެސް ހިމެނޭކަމުގަ އެވެ. ވަގަށްނެގި މީހުންގެ ތެރެއިން 60 ވަރަކަށްމީހުންނަކީ ނަސާރާއިން ކަމަށާއި އެމީހުން ވަގަށް ނަގާފައި ވަނީ ނަސާރާއިންގެ ފައްޅިއަކުންކަމަށް ވެސް "ސީރިޔަން އޮބްޒަވޭޓްރީ ފޯރ ހިޔުމަން ރައިޓްސް" އިން ބުނެ އެވެ.
މި ދެ އަވަށަށް އައިއެސްގެ ހަނގުރާމަވެރިން ވަދެގެންފައި ވަނީ ސީރިޔާ ސިފައިންނާދެކޮޅަށް އެތައް ދުވަހެއްވަންދެން ކުރި ގަދަފަދަ ހަނގުރާމައަށް ފަހު ސީރިޔާ ސިފައިންގެ މައްޗަށް ގަދަވެގަތުމަށް ފަހުގަ އެވެ. އައިއެސް އެޖަމާއަތުން ވަގަށްނަގާ ފިރިހެނުން މަރައި އަންހެނުންނާއި ކުޑަކުދިން އަޅުންގެ ބާޒާރުގައި ވިއްކާ ކަމަށް ބައެއް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް މިކަން ސާފުވެފައެއް ނުވެ އެވެ. މިދިޔަ ފެބްރުއަރީ މަހު ވެސް އައިއެސްއިން ވަނީ ސީރިޔާގެ އުތުރުގެ ބައެއް ވިލެޖްތަކަށް އަރައި 250 އަށްވުރެ ގިނަމީހުން ވަގަށްނަގާފަ އެވެ. މީގެތެރޭގައި ގިނައީ ނަސާރާއިންގެ އަންހެނުންނާއި ކުޑަކުދިންނެވެ. އެމީހުންނަށް ވީގޮތެއް މިހާތަނަށް އައިއެސްއިން ސާފުކޮށްދީފައެއް ނުވެ އެވެ.
ބަދަލުހިފުމުގެ ވަރުގަދަ ރޫހެއްގައި އިރާގުގައި އުފެދުނު އައިއެސް ޖަމާއަތުގެ އަސްކަރީކަންތައްތައް ބަލަހައްޓަނީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންއަށް ވަފާތެރި އޭނާގެ ޖުމްހޫރީ ލަޝްކަރުގެ ޖެނެރަލުންނާއި ކޮމާންޑަރުން ކަމަށާއި އެ ޖަމާއަތުން ދީނުުގެ ނަމުގައި ހިންގާ ކަންތައްތަކުގައި އިސްކޮށްތިބެނީ ސައޫދީ އަރަބިޔާއާއި ތޫނިސްގެ ދީނީގޮތުން ހައްދުފަހަނަޅާފައިވާ މީހުންކަމަށް ރިޕޯޓްތައް ބުނެ އެވެ. އައިއެސް އެޖަމާއަތުގެ ހަމަލާތައް އަމާޒުކުރާ ތަންތަނުގެ ތެރޭގައި މިސްކިތްތައް ވެސް ހިމެނެ އެވެ. މީގެ ދެދުވަސްކުރިން ސައޫދީ އަރަބިޔާގެ ސަލާމަތީ ބާރުތަކުގެ މަރުކަޒެއްގެ ތެރޭގައިވާ މިސްކިތެއްގައި ބޮމެއް ގޮއްވާލައިގެން 15 މީހުން މަރާލި ޖަރީމާގެ ޒިންމާ އުފުލާފައިވަނީވެސް އައިއެސް ޖަމާއަތުންނެވެ. (ނޫސްއެޖެންސީތައް)