08 Aug 2015, 09:15
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނުތާ މިއަދަށް އެއް އަހަރު ފުރުމާއެކު އޭނާގެ އިންތިޒާރުގައި ތިބިކަން ހާމަކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް(އެމްއެމްސީ) އިން އެދެފި އެވެ.
އެމްއެމްސީ އިން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ރިލްވާން ގެއްލުނުތާ އެއް އަހަރުވެފައިވާ އިރު އެކަމާ ގުޅޭ އެކަށީގެންވާ އެއްވެސް މައުލޫމާތެއް ހޯދިފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ދިވެހި ނޫސްވެރިން ރިލްވާނުގެ އިންތިޒާރުގައި ތިބިކަން ހާމަކުރުމަށް މިއަދު އެކަމާ ގުޅޭ ހަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް އެދޭ ކަމަށެވެ.
"ދިވެހި ހުރިހާ މީޑިއާ އިދާރާތަކުން 8 އޯގަސްޓް 2015 ވާ ހޮނިހިރު ދުވަހު ނެރުއްވާ ނޫސްމަޖައްލާތަކާއި ބްރޯޑްކާސްޓް ކުރައްވާ ހަބަރާއި ޕްރޮގުރާމްތަކުގައި މިކަމާ މެދު ކަންބޮޑުވުން ފާޅުކޮށްދެއްވުން އެދި ދެންނެވީމެވެ." މީޑިއާ ކައުންސިލްގެ ސާކިއުލާގައި ބުނެފައިވެ އެވެ.
ރިލްވާން ހޯދުމަށް އޭނާގެ އާއިލާ އާއި ފުލުހުން އަދި ވަކިވަކި މުއައްސަސާތަކުން ވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވެ އެވެ. ރިލްވާން ގެއްލުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހު އެވެ. ރިލްވާން އެންމެ ފަހުން ފެނިފައި ވަނީ އެ ދުވަހުގެ ރޭ ހުޅުމާލޭ ފެރީ ޓާމިނަލްއަށް ވަންނަނިކޮށެވެ.
އޭނާ ގެއްލުނު ކަމަށް ބެލެވެނީ ހުޅުމާލޭގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ބޮލްކް ކައިރިން ރޭގަނޑު ދަންވަރުގެ ވަގުތެއްގަ އެވެ.