08 Aug 2015, 08:42
އިޓަލީ އަވަށެއްގެ މޭޔަރަކު އެ އަވަށުގެ ރައްޔިތުން ބަލިވުން "މަނާ" ކޮށް، އަމުރެއް ނެރެފި އެވެ.
އިޓަލީގެ އޭޖީއައި ނިއުސް އެޖެންސީއާ ހަވާލާދީ ބީބީސީގައި ބުނެފައިވަނީ އިޓަލީގެ ހުޅަނގުގައި އޮންނަ ސެލިއާ ނަމަކަށް ކިޔާ އަވަށުގެ މޭޔަރު، ޑޭވިޑް ޒިޗީނެލާ އެ އަމުރު ނެރުނީ، އޭނާގެ އަވަށުގެ އާބާދީ މާބޮޑަށް ދަށްވަމުންދާތީ، ރައްޔިތުންނަކީ ސިއްހަތު ރަނގަޅު ބަޔަކަށްހަދައި އަވަށުގެ އާބާދީ އިތުރުކުރުމަށް ކަމަށެވެ.
އެގޮތުން އޭނާ ވަނީ ސިއްހީ ހިދުމަތްތައް ބޭނުންކުރާ އާއްމު ރައްޔިތުންނަށް، އެމީހުންގެ އަތުން ނަގާ ޓެކްސް ކަނޑައި، ސިއްހީ ހިދުމަތްތައް ބޭނުންކުރުމާ ދެކޮޅު ހަދާ މީހުން ޖޫރިމަނާކުރުމަށް ނިންމާފައެވެ. އަދި ލޯކަލް ކައުންސިލުގެ ވެބްސައިޓުގައި ވެސް ބުނެފައިވަނީ "ބަލިވުން މަނާ" ކަމަށެވެ.
"ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ނާޅައި، އަމިއްލަ ފުރާނައާއި އަވަށް ނުރައްކަލެއްގެ ތެރެއަށް ވައްޓާލާ މީހުން ގިނައިން ޓެކްސް ދައްކަންޖެހޭނެ،" ޑޮކްޓަރުކަން ކިޔަވައިގެން ހުރި މޭޔަރު، ޒިޗީނެލާ އިޓަލީގެ ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.
ސެލިއާ އަވަށުގައި މީގެ 64 އަހަރުކުރިން 1،400 މީހުންގެ އާބާދީއެއް އޮތް ނަމަވެސް މިހާރު އެއަވަށުގެ އާބާދީ އަކީ އެންމެ 500 މީހުންނެވެ. އޭގެ ތެރެއިން ވެސް 60 ޕަސެންޓް މީހުންނަކީ ރިޓަޔާމެންޓް އުމުރުގެ މީހުންނެވެ.
މޭޔަރު ޒިޗީނެލާ ބުނިގޮތުގައި، އެއަވަށު ކައުންސިލުން ފޯރުކޮށްދޭ ހެލްތް ސްކްރީނިން އަށް އައުމަކީ އެމީހުންގެ މަސްއޫލިއްޔަތެއް ކަމަށް ދެކެންޖެހޭ ކަމަށެވެ. އަދި އާބާދީ ދަށްވެގެން އަވަށް، މަރުވާން ބޭނުން ނުވާކަމަށް ވެސް އޭނާ ބުނެފައިވެއެވެ.
މޭޔަރުގެ އެ ނިންމުމުގެ ސަބަބުން، މިދިޔަ މަހުގެ ތެރޭގައި ލޯކަލް ހެލްތު ސެންޓަރަށް ހެލްތު ޗެކަޕް ހެދުމަށް 100 ވަރަކަށް މީހުން އައިސްފައިވާ ކަމަށް އިޓަލީގެ ނިއުސް އެޖެންސީގައި ބުނެފައިވެއެވެ.
އިޓަލީގެ ކުޑަ އަވަށްތަކާއި ޓައުންތަކުގައި އުޅޭ ޒުވާނުން މަސައްކަތަށާއި ކިޔެވުމަށް އެހެން ސަރަހައްދުތަކަށް ބަދަލުވުމުގެ ސަބަބުން އެފަދަ ކުޑަ އަވަށްތަކުގެ އާބާދީ ދަށްވަމުންދިއުމަކީ ދިމާވަމުންދާ ބޮޑު މައްސަލައެކެވެ. އެގޮތުން އާބާދީ އިތުރުކުރުމަށްޓަކައި އިޓަލީގެ ކުޑަ އަވަށްތަކުން އެކި އުކުޅުތައް ގެންގުޅޭއިރު، އެގައުމުގައި އޮންނަ ގަންޖީ ޓައުނުން ދަނީ މީހުންނޫޅޭ ފަޅުގެތައް ތިން އަހަރު ތެރޭގައި މަރާމާތުކުރާ ގޮތަށް ހިލޭ މީހުންނަށް ދޫކުރަމުންނެވެ.