ކަސްރަތާއި ފިޓްނަސްއަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ މަގުސަދުގައި ޔޫތު މިނިސްޓްރީން ބާއްވާ ފިޓުނަސް ފެއާ މިއަދާއި މިރޭ މާލޭގައި މާލޭގައި ފިޓްނަސް ފެއާއެއް ބާއްވައިފި އެވެ.

މިއަދު ހަވީރާއި މިރޭ އެފެއާގެ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެފެއާގެ ދަށުން މިއަދު ވަނީ ކުޑަކުދިންގެ ހަވީރެއް ބާއްވާފަ އެވެ. އެ ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކިން ބައިވެރިވިއެވެ.

މިރޭ ނިންމާލި އެފެއާ ރަސްމީކޮށް ހުޅުވާފައި ވަނީ ވެސް މިރޭ އެވެ. ސުނާމީ ބިނާ ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތުގައި އެ ފެއާ ހުޅުވައިދެއްވީ ފިޓްނަސް ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅެއް ކަމުގައިވާ އެންވާރަމެންޓް މިނިސްޓަރުގެ ނައިބު މުހައްމަދު ހާނިމެވެ.

ފިޓްނަސް ފެއާ ހުޅުއްވައި ދެއްވުމަށްފަހު ޑެޕިއުޓީ މިނިސްޓަރު ހާނިމް ވަހަކަފުޅު ދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފެއާ ހުޅުވައި ދެއްވުމަށްފަހު ހާނިމް ވިދާޅުވީ ކަސްރަތު ކުރުމަކީ ހަމައެކަނި ވަކިކަމެއް މެދުވެރިވުމުން ކުރަން ޖެހޭ ކަމެއް ނޫން ކަމަަށާއި ދުޅަ ހެޔޮ ސިއްހަތެއްގައި ތިބުމަށް އަބަދުވެސް ކަސްރަތު ކުރަންޖެހޭ ކަމަށެވެެ.

"ކަސްރަތަކީ އަޅުގަނޑުމެންގެ ދިރިއުޅުމުން ބައެއް ކަމުގައި ހެދިއްޖެނަމަ އަޅުގަނޑުމެންގެ މުޅި މުޖުތަމައު ދާނީ އެއް ދުވަހުން އަނެއް ދުވަހަށް ދުޅަ ހެޔޮ މުޖުތަމައަކަށް ބަދަލުވަމުން،" ހާނިމް ވިދާޅުވިއެވެ.

ފެއާ އިންތިޒާމް ކުރުމުގައި އެންމެ އިސްކޮށް އުޅުއްވި ޔޫތު މިނިސްޓްރީގެ އެގްޒެކްޓިވް ކޯޑިނޭޓަރު އާމިނަތު މަދީހާ (މަދީ) ވިދާޅުވީ ދަރިންގެ އަތުގައި ހިފައިގެން ސްކޫލަށް ނުވަތަ ޓިއުޝަނަށް ގެންދާ ފަދައިން ދަރިން ގޮވައިގެން ފިޓްނަސްއަށް ވެސް ދާން ޖެހޭ ކަމަށެވެ.

ފިޓްނަސް ފެއާ ހުޅުވުމުގެ ރަސްމިއްޔަތުގައި ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރު މަދީހާ ވާހަކަ ދައްކަވަނީ ----- ސަން ފޮޓޯ: ފަޔާޒު މޫސާ

"އަޅުގަނޑުމެން މިކިޔަނީ އުމުރުން ދެ އަހަރުން ފެށިގެން ކުޑައިރުން ފެށިގެން ބޮޑުވުމާ އަދި މުސްކުޅިވުމާ ހަމަޔަށްވެސް ހިނގާށޭ އަޅުގަނޑުމެން ކަސްރަތުގައި މަޝްއޫލުވަމާ" މަދީ ވިދާޅުވިއެވެ.

އެ ފެއާގައި 16 ފަރާތަކުން 14 ސްޓޯލް ބައިވެރިވެފައިވެއެވެ. އޭގެތެރޭގައި އޭޑީކޭ ހޮސްޕިޓަލާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ އިތުރުން ބައިކް އެސޯސިއޭޝަނާއި ޔޫތު މިނިސްޓްރީގެ ހެލްތު ކެފޭ ހިމެނެއެވެ.

ފިޓްނަސް ފެއާ އަކީ 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ ފެއާ އެކެވެ.