08 Aug 2015, 01:26
އެވިޑުކޮލެޖުގެ ދެވަނަ ކެމްޕަސް އަމީނީ މަގުގައި ހުޅުވައިފިއެވެ.
އެވިޑުގެ އާ ކެމްޕަސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކޮލެޖުގެ ދެވަނަ ކެންޕަސް ހުޅުއްވައި ދެއްވީ އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު އަޒުލީން އަހްމަދެވެ.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެވިޑު ކޮލެޖުގެ ފައުންޑަރު އަދި ޗެއާމަން އަބްދުﷲ މުޝްތާގު ރަޝާދު ވިދާޅުވީ ކޮލެޖު އެންމެ ފުރަތަމަ ހުޅުވި އިރު އެތަން ހިންގަމުން ގެންގޮސްފައިވަނީ މޯބައިލް ޓްރެއިނިން ސެންޓަރެއްގެ ގޮތުގައި ކަމަށެވެ.
ނަމަވެސް ގިނަ ބައެއްގެ މިންނެތް މަސައްކަތާއެކު އެ ކޮލެޖުގައި ގިނަ ކޯސްތަކެއް ހިންގަމުން ގޮސް މިހާރު ރާއްޖޭގެ ބޮޑެތި ކޮލެޖުތަކާ އެއް ހަމައަކަށް އެ ކޮލެޖު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މުޝްތާގު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ކޮލެޖުގެ ކިޔަވައިދިނުމުގެ ޚިދުމަތް މިހާރަށްވުރެވެސް ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެ ކަމަށެވެ. އަދި އެއާއެކު ރަނގަޅު ކުދިންތަކެއް މުޖުތަމައަށް ނެރުމަށް މަސައްކަތް ކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ ރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރުގެ ނައިބު އަޒުލީން ދެއްކެވި ވާހަކަފުޅުގައި އެވިޑު ކޮލެޖަކީ ރާއްޖޭގައި އެންމެ އަވަހަށް ތަރައްގީ ވަމުން އަންނަ އެއް ކޮލެޖު ކަމުގައި ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ކުދިންތަކަކަށް ކިޔެވުމުގެ ފުރުސަތުތަކެއް ހުޅުވައިދެމުން އަންނަ އެއް ކޮލެޖަކީ އެވިޑު ކަމަށެވެ.
އެވިޑު ކޮލެޖުން ކިޔަވައިދިނުމުގެ ޚިދުމަތް ދޭން ފަށާފައިވަނީ 2005 ވަނަ އަހަރުގައެވެ. އެވިޑު ކޮލެޖުން މިހާރު މަތީ ތައުލީމުގެ ފުރުސަތު ހުޅުވާލާފައިވަނީ ތައުލީމީ ދާއިރާ އިންނާއި ބިޒްނަސް މެނޭޖްމެންޓް އަދި ހިއުމަން ޑިވެލޮޕްމެންޓްގެ ދާއިރާއިންނެވެ.