ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ސިޓީފުޅެއް ފޮނުއްވައިފި އެވެ.

ރައީސް ޔާމީންގެ ސިޓީފުޅު މޯދީއާ ހަވާލުކުރެއްވުމަށްޓަކައި މިހާރު އިންޑިއާ އަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު ވަނީ އެ ސިޓ އިންޑިއާގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖްއާ މިއަދު ހަވާލުކުރައްވާފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ފޮރިން ސެކްރެޓަރީ މިއަދު ސުޝްމާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ދެ ގައުމުގެ ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި ކަމަށެވެ.

ރާއްޖޭގެ ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު މިއަދު ވަނީ އިންޑިއާގެ ފޮރިން ސެކްރެޓަރީ އެސް. ޖަޔަޝަންކަރާ ވެސް ބައްދަލުކުރައްވައި، ދެ ގައުމުގެ މެދުގައި އިގުތިސޯދީ ގުޅުން ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރާއްޖޭގެ ފޮރިން ސެކްރެޓަރީގެ ޝަރަފުގައި އިންޑިއާގެ ފޮރިން ސެކްރެޓަރީ ވަނީ މެންދުރުގެ ފަރިއްކޮޅެއްވެސް ދެއްވާފައެވެ.

ޑރ. އަލީ ނަސީރު އިންޑިއާ އަށް ވަޑައިގެންނެވިއިރު، އެ ގައުމުގެ ފޮރިން ސެކްރެޓަރީ ޖަޔަޝަންކަރު މިދިޔަ ހޯމަ ދުވަހު ރާއްޖެ ވަަޑައިގެންނެވި އެވެ. އޭނާގެ ދަތުރުފުޅު ނިންމަވާލެއްވީ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާ ބައްދަލުކުރައްވާފަ އެވެ.