07 Aug 2015, 22:15
މާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް އެޅުމަށް ފިނޭންސް މިނިސްޓްރީން ބީލަމަށް ލައިފި އެވެ.
ފިނޭންސް މިނިސްޓުރީން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ވަނީ 25 ބުރީގެ މަލްޓި އޮފީސް ކޮމްޕްލެކްސް އެއް ތަރައްގީކުރާނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ގާބިލުކަން ސާބިތުކޮށްދިނުމުގެ މައުލޫމާތު ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ހުށަހެޅުމަށް މިނިސްޓްރީން ވަނީ ފުރުސަތު ހުޅުވާލާފަ އެވެ.
އެ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތެއް ނަމަ މި މަހުގެ 20 ވަނަ ދުވަހުގެ 14:00 ކުރިން އެ މިނިސްޓްރީއަށް މައުލޫމާތު ފޮނުވަންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.
ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު މިރޭ ސަން އަށް ވިދާޅުވީ 25 ބުރީގެ އިމާރާތް އަޅަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ހުންނަ އިމާރާތުގެ ހުޅަނގު ފަރާތާއި އިރުމަތީ ފަރާތުގައި ހުރި ދެ އިމާރާތް ތަޅާލުމަށް ފަހު ކަމަށެވެ. އެ އިމާރާތް އަޅާ ބިމަކީ 32،000 އަކަފޫޓުގެ ބިމެކެވެ.
ޖިހާދު ވިދާޅުވީ އެ އިމާރާތަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އަޅާ އިމާރާތެއް ނޫން ކަމަށާއި އެއީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން އިމާރާތްކުރާ ތަނެއް ކަމަށެވެ.